26 Jun 2011, 17:16
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް އަޅާލަން ޖެހޭނެ ކަމަށާއި އެ ވަބާއިން ސަލާމަތްވުމަށްޓަކައި އެ ކުދިން ބޭނުންވާ ގޮތަށް "ބޮވެން ޖެހޭނެ" ކަމަށާއި "ބޯން އެބަ ޖެހޭ" ކަމަށް ރައީސްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެޖެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހާ ދިމާކޮށް، މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު (ހިލޭ ގުޅޭ ނަންބަރު 1410) އިފްތިތާޙު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވަން މަސައްކަތްކުރާ އިރު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކުދިންނަށް އަޅާލަން ޖެހޭނެ ކަމަށެވެ. އަދި އެކުދިންނަށް އަޅާނުލެވުމުން އާއިލާތަކުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ކުރިމަތިވާ ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެ ކުދިން ބޭނުންވާ ގޮތަށް "ބޮވެން ޖެހޭނެ" ކަމަށާއި "ނޮބޮއި" އެ ކުދިންނަށް ސަލާމަތެއް ނުވެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ވިއުގަ އަދި ރާއްޖެ އަށް ބާރުގަދަ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާއިރުގައި، އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތްތަކެއް އެބަހުރޭ. އެއީ، އެ ކުދިންނާ އަޅާލަން ޖެހޭނެކަން މިގަޑީގައި. އަޅާނުލެވުނީމާކަން [އަޅުގަނޑުމެންނަށް އެނގޭ] ކަޓަރު ހިފައިގެން، މަންމަގެ އަލަމާރީގައި ހުރި ފައިސާކޮޅު ވަގަށް ނަގައިގެން އެ ދަނީ. ކޮންމެހެން ބޭނުން، ބޮވެން ޖެހޭނެ. ބޯން އެބަޖެހޭ. ނުބޮއެއް އެކުދިންނެއް ސަލާމަތެއްނުވޭ. އަޅުގަނޑުމެންނަށް އެކަން ދެނެގަނެވެން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތް ވުމުގެ "ހަގީގީ ބަސްތައް ބޭނުންނުކޮށް" ސިޔާސީ ފިކުރެއްގައި ނުވަތަ އެހެން ވެސް މާރީތި ނިވަލެއް ހޯދުމުގެ ނިޔަތުގައި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މަސްތުވާތަކެތިން ސަލާމަތްވާނެ ގޮތުގެ ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވިޔަސް މަސްތުވާތަކެތީގެ ސަބަބުން އަނެއް ދިވެހިރާއްޖެ ލިބެން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކަންހުރި ގޮތަށް، އަލިފުން ޔާއަށް އަޅުގަނޑު ކިޔަމުންދާނީ. އެއީ، އަޅުގަނޑާ ދިމާއަށް، އަޅުގަނޑާ މުޚާޠަބުކޮށް، ކޮންމެ އެއްޗެކޭ، ކޮންމެ ބޭފުޅަކު ވިދާޅުވި ކަމުގައި ވިޔަސް ވެސް، މިކަމުގައި ހުރި ހިއްޗާއި މިކަމުން އަޅުގަނޑުމެންގެ މުޖްތަމަޢު ހަލާކުވެގެން މިދާ މިންވަރާއި މި ރާއްޖޭގެ ތަރައްޤީއަށް އެޅޭ ހުރަހާއި އަޅުގަނޑުމެން މި އެދޭ އަނެއް ދިވެހި ރާއްޖެ އަޅުގަނޑުމެންނަށް ލިބެން ނެތް މިންވަރު ވަރަށް ބޮޑަށް ސާފުވެގެންދޭ،"
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް )ރެޑް ވޭވް ސަލީމް( ގޭގައި ކުއްޔަށް އުޅޭ ބައެއްގެ އަތުން ދާދިފަހުން އަތުލައިގަން މަސްތުވާތަކެތީގެ މައްސަލައަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު ވިދާޅުވީ އެ ގެއިން އެ ތަކެތި އަތުލައިގެންފައި ވަނީ 800 ޕެކެޓް ހިރޮއިން ބަންދުކުރަނިކޮށް ކަމަށެވެ. އަދި އެ ހޮރޮއިން އަކީ މާލޭގައި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރާ ކުދިން ތެރެއިން 50 ޕަސެންޓް ކުދިން "އިއްޔެ އާއި މިއަދާއި މާދަމާ" ބޭނުން ކުރަން ހުރި އެއްޗެހި ކަމަށެވެ. އަދި އެ ތަކެތި އަތުލައި ގަތުމުން މިއަދާއި މާދަމާ ވަރަށް ގިނަ ކުދިން "ބަލިވާނެ" ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރެޑް ވޭވް ސަލީމްގެ ގެކޮޅުންގެ ތިރީ ބުރީގައި 800 ޕަކެޓް ހެރޮއިންގެ މަސައްކަތް ހިންގަމުން ގެންދާ މީހުންނާ ރެޑް ވޭވް ސަލީމާ ގުޅުމެއް ނެތި ހިގައިދާނެ ކަމަށާއި ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނު ބުނަނީ އަމިއްލަ ގެއެއްގައި، އަމިއްލަ ބޯހިޔާވަހިކަމުގައި ހިނގާ ކަންކަން އެނގެން ޖެހޭނެ ކަމަށެވެ.
"އަށް ސަތޭކަ ޕެކެޓް ހެރޮއިން ޑިސްޓްރިބިއުޓް ކުރަނީ، މިދެންނެވި ގޭގެ ތިރީބުރީގައި. ތެދުފުޅެއް، އެ މެންބަރާއި އެގެއާ އަދި އެ މަސައްކަތް ހިންގަމުން ގެންދާ ބޭފުޅުންނާއި މީހުންނާ ގުޅުމެއް ނެތިދާނެ. އެހެން ނަމަވެސް، އަޅުގަނޑަށް އެނގޭ އެއްޗަކީ، އަޅުގަނޑުގެ ގޭގައި، އަޅުގަނޑުގެ އަމިއްލަ ގެއެއްގައި، ހަމަގައިމު ވެސް ދިވެހިރާއްޖޭގެ ޤާނޫނުގައި ބުނަނީ އެހެން، ތިމަންނާގެ އަމިއްލަ ގޭގައި، އަމިއްލަ ބޯހިޔާވަހިކަމުގައި ހިނގާ ކަންކަން ތިމަންނާ އަށް އެނގެންޖެހޭނެއޭ،" ހ. ފަށަން ގެއިން ފެނުނު މަސްތުވާތީގެ ވިޔަފާރި ހިނގައިދިޔަ ކަން ރެޑްވޭސް ސަލީމަށް އެނގެން ޖެހޭ ކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ ހާދިސާ އަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ދެން އިތުރަށް ކުރިއަށް ގެންދާނީ ފައިސާ ބަދަލުކުރެވުނު މުއާމަލާތްތައް ތަހުގީގުކުރުމާއި "އޭޖޭ އެންޓަޕްރައިސަސް" އަކީ ކާކު ހިއްސާވާ ކުންފުންޏެއްތޯ ބެލުމަށް ކަމަށެވެ.
ބުރާސްފަތި ދުވަހު ފުލުހުން މަސްތުވާތަކެތި އަތުލައިގެން ފަށަން ގެއިން އެ ވިޔަފާރިކޮށްގެން ވިކުރާ )ފައިދާ( ގޮތުގައި މަދުވެގެން ދުވާލަކު 160000ރ. ލިބޭނެ ކަމަށާއި އެ ވިޔަފާރި "ރަނގަޅަށް" ހިންގާ ރެއެއްގައި 200000ރ. ލިބޭނެކަމާ މެދު ވެސް ޝައްކު ނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދުމަށް ކުރާ މަސައްކަތުގައި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާއި އަދި އިސްލާމިކް މަޖިލިސް ވިއަސް އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ނަމަ އެ ފަރާތްތައް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެ މަސައްކަތުގައި "ނުފޮރުޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވަވާނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.