މެންޗަސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ އެ ޓީމް ދޫކޮށްލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ބުނެފި އެވެ.

މި ސީޒަނުގައި 18 ގޯލު ކާމިޔާބުކޮށް ސިޓީގެ ޓޮޮޕް ސްކޯރާގެ ގޮތުގައި ހުރި އަގުއެރޯއަށް ވަނީ މި ފަހުން ސިޓީ ކުޅުނު ގިނަ މެޗުތަކެއްގެ ފުރަތަމަ 11 އިން ޖާގަގެއްލި ބެންޗުގައި އިންނަން ޖެހިފަ އެވެ.

ލީގުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ސްވެންސް ސިޓީ އަތުން 2-1ގެ ނަތީޖާ އަކުން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން އަގުއެރޯ ބުނީ އޭނާ ބޭނުން ވަނީ ސިޓީގައި މަޑުކޮށް ކްލަބަށް އެހީތެރިވެދޭން ކަމަށާއި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެނާ ކުރާނީ އެ މަސަތްކަތް ކަމަށެވެ.

"މިވަގުތު އަހަރެން ބޭނުމެއް ނޫން ސިޓީ ދޫކޮށްލާފަ ދާކަށް ނަމަވެސް ކުރިއަށް އޮތް ތިން މަސްފަހުން އެ މީހުން [ސިޓީން] ނިންމާނެ އަހަރެން މަޑުކުރާނެ ތޯ ނުވަތަ ނޫން ތޯ،" ދާދި ފަހުން ސިޓީގެ އެއްބަސްވުން އާކުރި އަގުއެރޯ ބުންޏެވެ.

އަގައުރޯ ވަނީ ސިޓީގައި އިތުރު ތިން އަހަރު ދުވަހު މަޑުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް އުމުރުން 28 އަހަރުގެ ފޯވާޑްގެ ބަދަލުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުން ކުރަމުން ދަނީ ބްރެޒިލްގެ 19 އަހަރުގެ ޒުވާން ފޯވާޑް ގެބްރިއަލް ޖެސިސްއެވެ.

"ބެންޗުގައި އިންނައިރު ކޮންމެ ކުޅުންތެރިއަކު ވެސް އޭނާއަށް ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައިގެން ކުރިއަށް ދާން ޖެހޭނީ. އެ ވިސްނުމުގައި އަހަރެން މި މަސަތްކަތް ކުރަނީ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާގެ ޕްލޭންގައި އަގުއެރޯ ނެތް ކަމުގެ އަޑު ގަދަވެގެން ދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު 19ގައި ޗެމްޕިއަންސް ލީގު ކޮލިފައިންގައި ބާސެލޯނާއާ ދެކޮޅަށް ނެގި ސްކޮޑުން އަގުއެރޯ ބައިކީ ކުރި ހިސާބުންނެވެ.

ނަމަވެސް ގާޑިއޯލާ ވަނީ އެކަން ދޮގުކޮށް އަގުއެރޯ އަކީ ސިޓީގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ކުރިއަށް އޮތް ތާންގައި ވެސް ގިނަ މެޗުތަކެއް ކުޅޭނެ ކަމަށް ބުނެފަ އެވެ.