07 Feb 2017, 09:47
ވޮޝިންޓަން (ފެބްރުއަރީ 7) : އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ވެވަޑައިގަތުމާ ގުޅިގެން އެމެރިކާގެ މުޖްތަމައުގައި އުފެދުނު ބައިބައިވުންތައް އަދި އޮތީ އެގޮތަށް ކަމަށާއި އެމެރިކާގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ބައިބައިވެ ހަމަނުޖެހުންތަކެއްގެ ތެރޭގައިކަން ޚިޔާލު ހޯދުމުގެ އިތުރު ސާވޭއަކުން ހާމަވެއްޖެ އެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "ޕަބްލިކް ޕޮލިސީ ޕޯލިންގް" އިން މިދިޔަ ހަފްތާގައި ކުރި ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވާގޮތުގައި އެމެރިކާގެ ކޮންމެ ސަތޭކަ މީހެއްގެ ތެރެއިން 47 މީހުން ބޭނުންވަނީ ރައީސް ޓްރަމްޕް މަގާމުން އަޒުލު (އިންޕީޗް) ކުރުމަށެވެ. އެމެރިކާގެ ރައްޔިތުންގެ ތެރެއިން 40 އިންސައްތަ މީހުން ޓްރަމްޕަށް ތާއީދުކުރާކަން ހާމަކޮށްފައިވާއިރު 49 އިންސައްތަ މީހުން އޭނާގެ ސިޔާސަތުތަކާ މުޅިން އިދިކޮޅެވެ. ޓްރަމްޕާ އިދިކޮޅުފަރާތްތަކުންވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަށް ތާއީދުކުރާކަންވެސް ހާމަކޮށްފަ އެވެ.
ޓްރަމްޕްގެ ސިޔާސަތުތަކާ އިދިކޮޅު 49 އިންސައްތަ މީހުންގެ ތެރެއިން 47 އިންސައްތަ މީހުން ތިބީ އޭނާ ވެރިކަމުން އޭނާއަޒުލު ކުރާނެ ދުވަހެއްގެ އުންމީދުގައެވެ. އަދި 10 އިންސައްތަ މީހުންނަކީ ޓްރަމްޕާމެދު ވަކިގޮތެއް ކަނޑައަޅަން އުނދަގޫ މީހުންނެވެ. "ޕަބްލިކް ޕޮލިސީ ޕޯލިންގް" ގެ އިސްވެރިއަކު ވިދާޅުވިގޮތުގައި ޓްރަމްޕް އިންތިޚާބުވުމާ ގުޅިގެން އެމެރިކާގެ މުޖްތަމައު ބައިބައިވެ ގިނަ ބަޔަކު މާޔޫސްވެފައިވާ މިންވަރު މި ސާވޭއިން ވަރަށްބޮޑަށް ހާމަވެގެން ގޮސްފައިވެއެވެ.
ޓްރަމްޕާ ވާދަކުރައްވައިގެން ބަލިވެ ވަޑައިގެންނެވި ހިލަރީ ކްލިންޓަންގެ ބައިވެރިންވެސް ތިބީ އަމާންދީގެންނޫންކަމާއި އެމީހުން ތިބީ ކިތަންމެ ދިގުމުއްދަތަކަށް ނަމަވެސް ޓްރަމްޕާ ދެކޮޅަށް އިހްތިޖާޖްކުރުމުގެ ރޫހެއްގައެވެ. ހިލަރީ ކްލިންޓަން ބަލި ރަސްމީގޮތުން ބަލި ގަބޫލު ކުރެއްވި ނަމަވެސް އެކަމަނާގެ ސަޕޯޓަރުންނާއެކު އެކަމަނާވެސް ހުންނެވީ ޓްރަމްޕާ ދެކޮޅަށް ކަމަށާ ވާދަވެރިކަން ދޫކޮށްލައްވާ ގޮތަށް ނޫންކަމަށް "ޕަބްލިކް ޕޮލިސީ ޕޯލިންގް" ގެ ވެރިޔާ ޑީން ޑެބްނަމް ވިދާޅުވިއެވެ.
އާންމު ގޮތެއްގައި އެމެރިކާގެ މުޖްތަމައު ބައިބައިވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައެވެ. ރިޔާސީ އިންތިޚާބު ނިމި އިންތިޚާބުގައި ނާކާމިޔާބުވާ ކެންޑިޑޭޓް ބަލި ގަބޫލުކުރެއްވުމުން މި ބައިބައިވުން އެއްކޮށް އެމެރިކާގެ މުޖްތަމައުން ފިލައިގެންދެއެވެ. ނަމަވެސް މިފަހަރު މިކަން މިހެންނުވާކަމަށާ ހިލަރީ ކްލިންޓަންއާއި އޭނާގެ ބައިވެރިން މިހާރުވެސް ދެކެނީ އޮޅުވާލުމެއްގެ ތެރެއިން ރިޔާސީ އިންތިޚާބުގެ ޓިކެޓް ޓްރަމްޕްގެ ޓީމުން "ޖަހައިގަތީ" ކަމަށް ޑީން ޑެބްނަމް ވިދާޅުވިއެވެ.
ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ ކަންކޮޅުތަކުގައި އެތަށް ހާސްބަޔަކު މިހާރުވެސް ގެންދަނީ މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުންނެވެ. އަދި އެހެން ގައުމުތަކުގެ ކަންކަމުގެ ތެރެއަށް ނުވަނުމުގެ އިތުރުން ހަނގުރާމަތަކުގެ ތެރެއަށް އެމެރިކާ ވައްދަން ބޭނުންނުވާކަމަށް ވިދާޅުވެ "އެމެރިކާ ފަސްޓް" ގެ ޝިޢާރު ޓްރަމްޕް އުފުއްލެވި ނަމަވެސް އޭނާގެ ވެރިކަމަށް ދެހަފްތާ ވާއިރު ފެންނަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިސްލާމީ ގައުމުތަކަށް ހަމަލާތައް ދިނުމުގެ އައު މަރްޙަލާއެއް ފަށަން ތައްޔާރުވާ މަންޒަރުކަމަށް ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ދެކެއެވެ.
އީރާނާ ދެކޮޅަށް ޓްރަމްޕް ދެއްވާ ހަރުކަށި އިންޒާރުތަކުންވެސް މިކަންދަނީ ހާމަވަމުންނެވެ. އީރާނުން ބެލަސްޓިކް މިސައިލެއް ޓެސްޓް ކުރުމުން ޓްރަމްޕްގެ ސަރުކާރުވަނީ އީރާނުގެ އެތަށް ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ އެތަށް ފިޔަވަޅުތަކެއް އަޅައި އަލިފާނާ ކުޅެމުންދާކަމުގެ އިންޒާރު އީރާނަށް ދެއްވާފައެވެ. އަނެއްކޮޅުން އީރާނަކީ ބިރެއްކަމަށް ހަދައިގެން ގަލްފުގެ ގައުމުތައް އީރާން ދެކެ ބިރުގަންނަވައިގެން އެގައުމުތަކަށް ހަތިޔާރު ވިއްކުމަށް އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ގެންގުޅޭ ނުރައްކާތެރި ސިޔާސަތުތައްވެސް ޓްރަމްޕް ވަނީ ގެންގުޅެން ފައްޓާފައެވެ. މިއީ ހަނގުރާމަތަކުގެ ސިޔާސަތުތަކަކަށްވާތީ "އެމެރިކާ ފަސްޓް" ގެ ޝިޢާރު ޓްރަމްޕް އުފުއްލެވި ނަމަވެސް އޭނާގެ ވެރިކަމުގައި އެމެރިކާގެ އެތެރޭގެ ތަރައްގީއަށް އިސްކަން ދެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. (ނޫސްއެޖެންސީތައް)