19:00


ގެދޮރު އެޅުމުގެ ޕްރޮގްރާމް ހިންގެވުމަށް ޓޫރިޒަމް ޤާނޫނުގައިވާ ގޮތުގެ މަތިން ޓެންޑަރ އުޞޫލުން ދޫކުރެއްވުމަށް ނިންމަވާފައިވާ އަށް ރަށުގެ ތެރެއިން ހަތަރު ރަށެއް ކަނޑައަޅުއްވައި، އެ ހަތަރު ރަށް ބިމާބެހޭ އިދާރީ އޮނިގަނޑުގެ ދަށުން ޓޫރިސްޓު ރިޒޯޓުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާ ހަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.


މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ފުރަތަމަ ފިޔަވަހީގައި ތަރައްޤީ ކުރެއްވުމަށް ކަނޑައެޅުއްވި ހަތަރު ރަށަކީ، ރ. ދިގަލި، ނ. ރާފުށި، ނ. ހުއިވަނި، ރ. ފުށިވެލާވަރެވެ. އަދި މި ހަތަރު ރަށް، ޓޫރިސްޓް ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ދޫކުރައްވާނީ، ހައުސިންގ ފަންޑަށް އެންމެ ގިނަ ފައިސާ ދޭން ހުށަހަޅާ ފަރާތަކަށް ރިޒޯޓް ތަރައްޤީކުރުން ދޫކުރެއްވުން އެއީ، މައިގަނޑު އެއް އުޞޫލު ކަމަށް ބައްލަވައިގެންނެވެ.


ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާލޭގައި ހިންގުމަށް ރާވާފައިވާ ހައުސިންގ މޮޑެލްގެ ދަށުން 108 ހައުސިންގ ޔުނިޓް ޢިމާރާތް ކުރެއްވުމަށްޓަކައި މާލޭގެ 363 ނަންބަރު ކޮށި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ހައުސިންގ އެންޑް އެންވަޔަރަންމަންޓާ ހަވާލުކުރެއްވުމަށްވެސް ނިންމެވި އެވެ.


މިއަދުގެ ޖަލްސާގައި ޔުނެސްކޯގެ "އިންޓަރނޭޝަނަލް ކޮންވެންޝަން އެގެއިންސްޓް ޑޯޕިންގ އިން ސްޕޯޓްސް"ގައި ރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ނިންމެވި އެވެ. މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރު ކުޅުމުގެ ތެރޭގައި މަނާބޭސް ބޭނުންކުރުން ހުއްޓުވުމާބެހޭ މުޢާހަދާއަކީ، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ތަޞްދީޤު ކުރަންޖެހޭ މުޢާހަދާއަކަށްވީހިނދު، ދިވެހިރާއްޖެއަކީވެސް ފުޅާ ދާއިރާއެއްގައި ކުޅިވަރު ކުޅެ އަދި އެކިއެކި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ޤައުމަކަށްވީތީ، މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.