އެމްޑީއޭއާ އަނެއްކާ ވެސް ގިނަ އަަދަދެއްގެ ބަޔަކު ގުޅިއްޖެ އެވެ. އެ ޕާޓީ އަށް އަލަށް ގުޅުނު 100 އަށް ވުރެ ގިނަ މީހުންގެ ފޯމު ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އޮފީހުގަ އެވެ.

ލީޑަރު ސިޔާމް އާ ފޯމުތައް ހަވާލުކުރެއްވީ ފޯމުތައް ފުރުއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެމްޑީއޭގެ މެންބަރު އަދި ތިމާވެށްޓާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހަމީދު އެވެ.

މި ރަސްމިއްޔާތުގައި ސިޔާމް ދެއްކެވި ވާހަކަފުޅުގައި ވަނީ ޕާޓީ އަށް އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އެމްޑީއޭ އިން އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ ގައުމުގެ ތަރައްގީ އާއި ގައުމުގެ ހެވާއި ލާބަ ކަމަށްވާ އިރު، އަލަށް ޕާޓީ އަށް ގުޅިވަޑައިގެންނެވި ބޭފުޅުން ވެސް އެ މަގުސަދު ހާސިލު ކުރުމަށް މަސައްކަތް ކޮށްދެއްވުން މުހިންމު ކަމަށް ސިޔާމް ވިދާޅުވި އެވެ.

"ގައުމު ތަރައްގީކޮށް މި ތަނުގައި އަމާންކަން ބޭއްވުމަށް އަޅުގަނޑުމެން އެންމެން ވެސް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާން ޖެހޭނެ. އެމްޑީއޭގެ ކޮންމެ މެންބަރަކީ ވެސް ގައުމު އިސްކޮށްގެން މަސައްކަތް ކުރައްވާ ބޭފުޅަކަށް ވުމަކީ އަޅުގަނޑުގެ އެދުމެއް،" ސިޔާމް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައެއް މެންބަރުންނާއި ޕާޓީގެ ރަޖިސްޓްރާ އަދި އަމީން އާންމު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.