06 Feb 2017, 22:10
ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހް ގެނެސްފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާއަށް ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު މިއަދު ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ކައުންސިލަށް ކުރިމަތިލެވޭނެ އެވެ.
މިހާރު އަމަލުކުރާ ގާނޫނު ބުނާ ގޮތުން ޖިނާއީ ކުށެއް ތަންފީޒު ކުރާ ނަމަ އެމީހަކަށް އެއިންތިހާބަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
އެއް އަހަރަށް ވުރެ ދިގު ނޫން ޖިނާއީ ކުށެއް ސާބިތުވެ އެހުކުމް ތަންފީޒު ކުރިތާ ނުވަތަ މާފްކުރިތާ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްވެފައިވާ ނަމަވެސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
މިހާރު އަމަލުކުރާ ގާނޫނު ބުނާގޮތުން ދިވެހި ރައްޔިތަކަށްވެފައިވާ އެހެންގައުމެއްގެ ރައްޔިތަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ ދިވެހި ރައްޔިތަކަށްވިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވުމާ އެކު ރާއްޖޭގައި ދިރިއުޅެމުންދާނަމަ އެވެ.
ނަމަވެސް އަލަށް ހުށައެޅި އިސްލާހުގައި ބުނާގޮތުން ދިވެއްސަކަށްވީތާ ފަސް އަހަރުވެފައިވާ ނަަމަ އިންތިހާބުގައި ވާދަކުރެވޭނެ އެވެ.
ހަމައެއާ އެކު މިހާރު އަމަލުކުރާ ދިވެހި ރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 15 ވަނަ މާއްދާއާއި 28 ވަނަ މާއްދާގެ އިތުރުން 44 ވަނަ މާއްދާ އުނިކުރަން ވަނީ ހުށައަޅާފަ އެވެ.
އުނިކުރަން ހުށައެޅި މާއްދާތަކުގެ ތެރޭގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ސާބިތުވެފައިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތްއޮތުން ހިމެނެއެވެ.
އެބިލް ފާސްވުމާއެކު މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެގާނޫނަށް އަމަލުކުރާނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
އެބިލް ހުށައެޅި މަގުސަދެއްގެ ގޮތުގައި މެމްބަރު ފާހަގަ ކުރައްވާފައި ވަނީ އެއިންތިހާބުގައި ވާދަކުރެވޭނެ ޝަރުތުތައް ލުއިކޮށްދީ ގިނަ ބަޔަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.