އެއީ މިދިޔަ އަހަރެވެ. ފޭސްބުކް ބޭނުން ކުރާ އެތައް ދިވެހިންނަކަށް ހައިރާންކަން ލިބިގެންދިޔައީ ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މުހައްމަދު އާސިފް (މޮންދު)ގެ ފޭސްބުކް އައިޑީއިން އިސްލާމް ދީނާ ހިލާފް ވާހަކަތަކެއް ފޭސްބުކްގައި ލިޔެފައިވުމުންނެވެ. ކަންވީ ގޮތް ބެލިއިރު މޮންދުގެ ފޭސްބުކް އެކައުންޓް ހެކްކުރީ އެވެ. މޮންދުގެ ފޭސްބުކް އެކައުންޓް ހެކްކޮށް، އެ އެކައުންޓު މެދުވެރިކޮށް އެކަން ކުރި ބަޔަކު ނަގަން ބޭނުންވި ފައިދާ ނެގި އެވެ.

އެވަރަކުން ނިމުނީއެއް ނޫނެވެ. މޮންދުގެ ބޭންކު އެކައުންޓުން ފައިސާ މަދުވާން ފެށި އެވެ. ބެލިއިރު އޭނާގެ ޖީމެއިލް ވެސް ހެކްކޮށް ޕޭޕަލް މެދުވެރިކޮށް ރާއްޖޭން ބޭރުން އެކިއެކި ޓްރާންސެކްޝަންތައް ވެސް ހެދީ އެވެ. އެގޮތުން 6300 ރުފިޔާގެ ޓްރާންސެކްޝަންތައް ހަދާފައި ހުއްޓެވެ. ފުލުހުންނަށް ހުށައަޅައިގެން އެކަން ބެލި އިރު އެހުރިހާ ކަމެއް ކުރީ އޭނާގެ ޖީމެއިލް ހެކްކޮށްގެންނެވެ.

"އެއީ ވަރަށް ކުރިން ހަދާފައި އިން މެއިލްއެއް ވީމާ އަޅުގަނޑަށް އިނީ "ޓޫ ސްޓެޕް ވެރިފިކޭޝަން" (ފޯނަށް އެސްއެމްއެސް އަންނަ) ނުހެދި، އެހެންވެ ހެކްކުރީ،" މޮންދު ވިދާޅުވި އެވެ.

އެއީ މޮންދުއަށް ޖެހުނު ހާލެވެ. އެނޫން އެތައް ބަޔަކަށް ވެސް އެފަދަ ލަނޑުތައް ދެމުން އެބަދެ އެވެ. އެތައް ފޭސްބުކް އައިޑީއެއް ހެކްކޮށް، ޒާތީ މައުލޫމާތުތަކާއި ފޮޓޯތައް އާންމުކޮށް އެތައް ބަޔަކު ބޭޒާރު ކުރަމުންދެ އެވެ. އެތައް ބަޔަކު ބްލެކްމެއިލް ކުރަމުން ދަނީ އެވެ. އިންޓަނެޓާ ނުލައި ނޫޅެވޭ މިޒަމާނުގައި އެ ހުރިހާ ގެއްލުމެއް ދެމުންދަނީ ހޭލުންތެރިކަން ދަށްވުމުންނެވެ. އިންޓަނެޓުގެ ރައްކާތެރިކަމުގެ ދުވަހު މިއީ ވިސްނާލަންޖެހޭ ކަންކަމެވެ.

އީމެއިލްއަށް ކުރާ އެޓޭކް ބޮޑު، މިހެން ހަދާ!

އިންޓަނެޓު ބޭނުންކޮށްގެން ހުރިހާ މުއާމަލާތެއް ކުރާއިރު އެ ހުރިހާ އެއްޗެއްހެން ކަނެކްޓްވެފައި ހުންނަނީ އެމީހާގެ އީ މެއިލަށެވެ. އެހެންކަމުން އީމެއިލް ހެކްކޮށްފި ނަމަ އެމީހެއްގެ ދުވަސްދިޔައީ އެވެ.

އާންމުގޮތެއްގައި އީމެއިލް ހެކްކުރާ ދެ ތިން ގޮތެއް އޮވެ އެވެ. އޭގެ ތެރެއިން އެންމެ އާންމު ގޮތަކީ އީމެއިލް އައިޑީ ޖެހުމަށް ފަހު ފޮގެޓްޕާސްވޯޑަށް ގޮސްގެން އެހުންނަ ސުވާލުތަކަށް ޖަވާބު ދެނީ އެވެ. އެ ސުވާލުތަކަކީ ދަންނަ މީހަކަށް ޖަވާބުދޭން އެނގޭ ފަދަ ސުވާލުތަކެކެވެ.

"މިސާލަކަށް މިހުންނަނީ ފެވަރިޓް ކުލަބް، ނުވަތަ އައިލެންޑް، އެކަހަލަ ސުވާލަށް ޖަވާބު ދެވޭނެ ކިރިޔާވެސް ދަންނަ މީހަކަށް، އެހިސާބުން މެއިލްއަށް އެކްސަސްވާން ފަސޭހަވޭ،" މެއިލް ހެކްކުރާ ގޮތް ކިޔައިދެމުން އައިޓީގެ ތަޖުރިބާކާރެއްކަމަށްވާ އަޒުމީ އަލީ ވިދާޅުވި އެވެ.

އަޒުމީ ވިދާޅުވާ ގޮތުގައި އޭގައި އެންމެ ރަނގަޅު ގޮތަކީ މެއިލް ހަދާއިރު އެފަދަ ސުވާލުތަކުގެ ޖަވާބަށް ވެސް މީހުންނަށް ނޭނގޭ ޖަވާބްތައް ލިޔުމެވެ.

މެއިލް ހެކްކުރާ އެހެން ގޮތަކަށް ބަލާއިރު މީހުން ޝައުގުވެރިވާ ފަދަ ކޮންމެވެސް ވާހަކައެއް ހިމެނޭ ލިންކެއް ފޮނުވަ އެވެ. އެ ލިންކަށް ވަދެ އެ ލިންކުގައި އެޓޭޗްކޮށްފައިވާ ފައިލް ޑައުންލޯޑް ކުރުމާ އެކު އެ މެއިލް މެދުވެރިކޮށް ލިޔާ ހުރިހާ މައުލޫމާތެއް އެ ލިންކް ފޮނުވި ފަރާތަށް ލިބެ އެވެ. އެހެންކަމުން ނުދަންނަ ފަރާތްތަކުން ފޮނުވާ އެފަދަ މެއިލްތައް ނުހުޅުވުން މުހިންމެވެ. އަދި އެފަދަ މެއިލްތަކުން ސަލާމަތްވުމަށް ތިމާ އިންޓަނެޓް ބޭނުންކުރުމަށް ގެންގުޅޭ ޑިވައިސްއަށް ރަނގަޅު އެންޓިވައިރަހެއް އެޅުން މުހިންމެވެ.

މެއިލް ސަލާމަތް ކުރުމަށް އޮތް އެންމެ ރައްކާތެރިގޮތަކީ ޓޫ ސްޓެޕް ވެރިފިކޭޝަން ބޭނުންކުރުމެވެ. ތިރީގައި އެވާ ވީޑިއޯއިން އެފެންނަ ގޮތަށް މެއިލް ސެޓްކުރުމުން މެއިލްއަށް ވަދެވޭނީ އެމީހެއްގެ ފޯނަށް އަންނަ އެސްއެމްއެސްއެއް މެދުވެރިކޮށެވެ. އެހެންކަމުން ހެކަރުންނަށް މެއިލް ހެކްކުރުމުގެ ފުރުސަތު އެއްކޮންހެން ގެއްލެއެވެ.

ފޭސްބުކް ހެކްކުރާ ގޮތާއި ހައްލު!

ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކް ހެކްކުރުމަކީ ވެސް އާންމުކަމެކެވެ. ފޭސްބުކް ހެކްކުރުމާއެކު ފޮޓޯ އަޅަމުންގެންދާ އިންސްޓަގްރާމް ވެސް އަތުވީ އެވެ. އާންމުކޮށް ހެކްކުރަނީ ދެތިން ގޮތަކަށެވެ. މީހުން ޝައުގުވެރިވާ ފަދަ މައުލޫމާތު ހިމެނޭ ލިންކު ފޭސްބުކުގައި އެކި މީހުން ޝެއާ ކުރެ އެވެ. އެއިން ލިންކަކަށް ފިތާލުމުން ފޭސްބުކް ލޮގިންވުމަށް އަރަ އެވެ. އެ ލިންކުގައި ޕާސްވޯޑްޖަހައި ލޮގިން ވުމާ އެކު ފޭސްބުކް ޕާސްވޯޑާއި ޔޫޒާނޭމް، އެ ހެކަރަށް ލިބެ އެވެ.

ދެން ފޭސްބުކް ހެކްކުރަން ބޭނުންކުރާ އަނެއް ގޮތަކީ Brute force ސޮފްޓުވެއާއެއް ބޭނުންކުރުމެވެ. ހެކަރުން އެ ސޮފްޓުވެއާ އަށް ހެކްކުރަން ބޭނުންވާ އައިޑީ ލައިގެން އެސޮފްޓުވެއާގައި ހުންނަ ޕާސްވޯޑާއި އެ އައިޑީއެއްގެ ޕާސްވޯޑް ދިމާވޭތޯ ބަލަ އެވެ. ދިމާވެއްޖެ ނަމަ އެހިސާބުން އައިޑީގެ ޕާސްވޯޑް ހެކަރަށް ލިބުނީ އެވެ.

"ގިނަމީހުން ކަން މިކުރާގޮތަކީ ވަރަށް ފަސޭހަ ޕާސްވޯޑެއް ޖަހަނީ، މިސާލަކަށް "ޕާސްވޯޑް" ނޫނީ "ލަވް" އެކަހަލަ އެއްޗެއް ޖަހާފާނެ، އެއީ އެ ސޮފްޓުވެއާގައި އިންނަ ޕާސްވޯޑެއް ވިއްޔާ އެހިސާބުން ޕާސްވޯޑް އެނގޭނެ، މީގަ އަޅުގަނޑު ބުނާނީ ވީހާ ވެސް އުނދަގޫ އެއްޗެއް ޖަހާށޭ، އަދި މިހާރު ދިވެހިން ވެސް ލިޔެވޭ އިރު ދިވެހިން ޕާސްވޯޑް ޖެހީމާ ވަރަށް ސޭފްވާނެ. އޭރުން އެކަހަލަ ސޮފްޓުވެއާތަކުން ސަލާމަތްވާނެ،" ރައްކާތެރިގޮތް ކިޔައިދެމުން އަޒުމީ ވިދާޅުވި އެވެ.

އޮފީސް ފަދަ އެއް ނެޓްވޯކެއްގައި ސިސްޓަމްތައް ބޭނުންކުރާއިރު "ކުކީޒް ފައިލް" މެދުވެރިކޮށް މައުލޫމާތު ހޯދައި އައިޑީތައް ހެކްކުރުމަކީ ވެސް ހެކަރުން އަމަލުކުރާ ގޮތެކެވެ. އެހެންކަމުން މީގައި އެންމެ ރަނގަޅު ގޮތަކީ ހަމަ ޓޫ ސްޓެޕް ވެރިފިކޭޝަން ބޭނުންކުރުމެވެ. އޭރުން ފޯނަށް އަންނަ ކޯޑަކާ ނުލައި އެ އައިޑީއިން ލޮގިން ނުވެވޭނެ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ޒާތީ މައުލޫމާތުތައް ހިއްސާކޮށް އެކުވެރިކަން ގާއިމްކުރާއިރު އެނިޒާމް ހަރުދަނާ ކުރުން ވަރަށް މުހިންމެވެ. އިންޓަނެޓު މެދުވެރިކޮށް ކުރާ މުއާމަލާތްތައް ރައްކާތެރި ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. ބޭނުން ހިފާށެވެ.