06 Feb 2017, 19:10
މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރުމުން އޭގެ ހެޔޮ ބަދަލު، މަސްވެރިންނަށާއި މަސްވެރިކަމުގެ ޞިނާޢަތަށް މިހާރު ލިބެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވައިދެއްވަމުން ރައީސް ވިދާޅުވީ ބައެއް މޫސުންތަކުގައި އެން ހޯދުމަށް މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، ބޭންގް އާލާކުރުމުގެ މަޝްރޫޢެއް މިއަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށާއި މަހާއި މަހުގެ އުފެއްދުންތަކުން އުކާލަމުންދާ ބައިތައް ބޭނުންކޮށްގެން، މެރިކަލްޗަރ ޞިނާޢަތަށް ބޭނުންވާ ފިޝްމީލް އުފެއްދުމުގެ މަސައްކަތް، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ފަށާނެ ކަމަށެވެ.
އަދި ޔޫރަޕުގެ ބޮޑެތި ސުޕަމާކެޓު ޗެއިންތަކަށް ބޭނުންވާ ކޮލިޓީއަށް މަސް ބަންދުކުރެވޭ ފެންވަރަށް، ފެލިވަރުގެ މަސް ފެކްޓަރީ އަޕްގްރޭޑްކޮށް، ރާއްޖޭގައި އުފައްދާ ދަޅުމަސް އެފަދަ ސުޕަމާކެޓުތަކަށް ބޭރުކުރަން ފަށާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެސް.ޓީ.އޯ ގެ ދަށަށް މިފްކޯ ބަދަލުކޮށް، އެކަމުގެ ހެޔޮ ބަދަލު، މަސްވެރިންނަށާއި މަސްވެރިކަމުގެ ޞިނާޢަތަށް މިހާރު މިދަނީ ލިބެމުން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިން ބާނާ މަސްގަނެ ފިނިކޮށްފައި ބެހެއްޓޭނެ ފެސިލިޓީއެއް މިއަހަރުގެ ތެރޭގައި އައްޑޫސިޓީގައި ޤާއިމުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި ހޯދިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން ދަނޑުވެރިންގެ ޤާބިލުކަން އިތުރުކުރުމަށާއި، ފަންނީ ހުނަރުވެރިކަން ތަރައްޤީ ކުރުމަށް ހިންގަމުންގެންދާ ދަނޑުވެރިކަމުގެ ޕްރޮގްރާމްތައް މިދިޔަ އަހަރު 26 ރަށެއްގައި ހިންގާފައިވާ ކަމަށެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެކަނިވެސް ޖުމްލަ 6235 ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"ފަޅުރަށްތައް ބަލަހައްޓައި މެނޭޖް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ލިބޭނެ ގޮތްތަކަށް ބަލައިގެން، ފަޅުރަށްތައް ވަރުވާއަށް ދޫކުރާ އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން، އެ ރަށެއްގެ ވަރުވާއަށް ސަރުކާރަށް ލިބޭ އާމްދަނީ ވަރަށްބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ރާއްޖެއަށް އިމްޕޯޓު ކުރާ ތަކެތީގެ މިންވަރު މަދުކުރުމަށްޓަކައި ދަނޑުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި އުފައްދާ ފަސް ބާވަތެއްގެ ތަކެތި އިމްޕޯޓު ކުރުން މަދު ކުރުމަށް ރާއްޖޭގައި އެމިންވަރަށް އެފަދަ ތަކެތި އުފެއްދުމަށްޓަކައި މިއަހަރުގެ ތެރޭގައި ޕްރޮގްރާމެއް ފަށާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.