26 Jun 2011, 17:01
ސ. ފޭދޫގައި ލިންކު ރޯޑުގައި އިއްޔެ ހަވީރު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާގެ އަތް ބިނދިއްޖެ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ހިތަދޫ ލިވަޕޫލް، އަހުމަދު ސުޖާއު، 27 އެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ 5:30 އެހާކަންހާއިރު އެ އެކްސިޑެންޓު ހިނގީ ސައިކަލް ދުއްވަން އިން މީހާ ކާރެއް އޯވަޓޭކް ކުރަން އުޅުމުން ކާރުގައި ޖެހިގެންނެވެ. އޭނާގެ އަތާއި ފައިން އެކިތަންތަން މަށައިގެން ގޮސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓް މިހާރު ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އަނިޔާވި މީހާގެ އާއިލާގެ މީހަކު ބުނީ، އޭނާގެ ވައަތު ހުޅުން ބިނދިފައިވާ ކަމަށެވެ. އަދި ހިތަދޫ ހޮސްޕިޓަލުން ބޭސް އެޅުމަށް ފަހު އިތުރު ފަރުވާ އަށް އޭނާ މިއަދު މާލެ ގޮސްފައިވާ ކަމަށް ވެސް އާއިލާގެ ފަރާތުން ބުންޏެވެ. އޭނާގެ ހާލު ސީރިއަސް އެއް ނޫނެވެ.
އައްޑޫ ސިޓީގައި މި މަހު ހިނގި ދެ އެކްސިޑެންޓެއްގައި އައްޑޫގެ ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އެގޮތުން މި މަހުގެ 6 ވަނަ ދުވަހު ހިނގި އެކްސިޑެންްޓެއްގައި ހިތަދޫ ގޯލްފް، ހުސެއިން މުހުސިން 19،ގެ ބޯފަޅައިގެން ގޮސް، ސިކުނޑިއަށް ލޭފޭދި ހާލު ވަރަށް ސީރިއަސްވެފައިވެ އެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި އުމުރުން 18 އަހަރުގެ ސ. ފޭދޫ ހުދުވެލި، އަލީ ޝިއުޔާން އަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ.
އެ ދެ ކުދިންގެ ހާލުވެސް މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.