06 Feb 2017, 16:16
އެކަށީގެންވާ ފަރިތަކުރުންތަކަކާ ނުލާ ވެސް ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަނީ އެ ކުޅުންތެރިންގެ ބުރު މަސައްކަތުން ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ(ފެސްކޯ) ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ބޫޓާނުގެ ތިމްޕޫ ސިޓީއާ 0-0ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު އެމެޗަށް ވެލެންސިއާ ނުކުތީ ހަފްތާއެއްގެ ފަރިތަކުރުމަށް ފަހުގައެވެ. އަނެއް ކޮޅުން މާދަމާ ގައުމީ ފުޓްބޯޅަ ދަނޑުގައި ދެވަނަ ލެގުގެ މެޗަށް ނިކުންނައިރު އެންމެ އެކަށީގެންވާ ވަރަށް ވެލެންސިއާއަށް ތައްޔާރެއް ނުވެއެވެ.
"ބޫޓާނުން އައިސްފަވެސް ދެ ޕްރެކްޓިސްވަރު މިކުރެވުނީ. ދެން މިއަދު މެޗު ވޯމްއަޕަކަށް ފަހު މާދަމާ މެޗަށް ނިކުންނަން ޖެހޭނީ. ހުރިހާ ކުޅުންތެރިން ވެސް ތިބީ މޮޅުވުމުގެ ވަރަށް ބޮޑު ރޫހެއްގައި. މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ އުންމީދުގައި. އެހެންވެ މައިނަސް ވަން ޑިގްރީ ސެލްސިއަސްގައި ވެސް އެ ކުޅުންތެރިންގެ ފަރާތުން އެއްވެސް ވަރެއްގެ މޮޅިވެރިކަމެއް ނުފެނުނީ،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ، ބޫޓާންގެ ފުޓްބޯޅަ އަންނަނީ ދުވަހެއް ދުވަހެއް ކުރިއަރަމުން ކަމަށާއި ގައުމީ ފެންވަރުގައި ރާއްޖޭގެ ގައުމީ ޓީމަށް ވެސް އެ ގައުމުން ރަނގަޅު ފައިޓެއް ދޭ ކަމަށެވެ. އަދި ކްލަބް ލެވަލްގައި މާގިނަ މެޗުތަކެއް ބޫޓާންގެ ކްލަބްތަކާ ދެކޮޅަށް ކުޅެން ނުޖެހުނު ނަމަވެސް ވެލެންސިއާގެ އަމާޒަކީ ހުރިހާ މެޗެއް ވެސް ކާމިޔާބުކުރުން ކަމަށް ފެސްކޯ ބުންޏެވެ.
ބޫޓާންގެ ތިމްޕޫ އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.