26 Jun 2011, 16:46
މިދުވަސްވަރު މާލާގައި ޑެންގޫ ހުމާއި ވައިރަލް ހުން ޖެހިގެން ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ހޮސްޕިޓަލްތަކުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި މަހުގެ 20ގެ ނިޔަލަށް ޑެންގޫ ހުމާއި ވައިރަލް ފީވާ ޖެހިގެން އެ ހޮސްޕިޓަލަށް ދައްކާފައިވާ މީހުންގެ އަދަދު 84 އަށް އަރާފައިވާ ކަމަށެވެ. އަދި އޭގެ އޭގެތެރެއިން 31 މީހަކަށް ޑެންގޫ ޖެހި، ހަ މީހަކު އެޑްމިޓްކޮށްފައިވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ މި މަހު ޑެންގޫ ހުން ޖެހިގެން އެ ހޮސްޕިޓަލަށް ދެއްކި މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގެ ޒީނަތު ވިދާޅުވީ ޑެންގޫ ހުމާއި ވައިރަލް ފީވާ ޖެހިގެން އެ ހޮސްޕިޓަލަށް ދައްކާފައިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު އަރިދަފުސް ރޯގާ ޖެހިގެން އެ މުއްދަތުގެ ތެރޭގައި އެ ހޮސްޕިޓަލަށް ދައްކާފައިވާ މީހުންގެ އަދަދު 1493 އަށް އަރާފައިވާ ކަމަށެވެ.
މީގެއިތުރުން ހަމަ އެ މުއްދަތުގެ ތެރޭގައި ޑެންގޫގެ ނުރައްކާތެރި ވައްތަރެއް ކަމުގައިވާ ޑެންޑޫ ހެމޮރެހެޒިކް ބަލި ޖެހިގެން 50 މީހަކު އެޑްމިޓްކޮށްފައިވާ އިރު ޑެންގޫ ޝޮކް ސިންޑްރޯމް (ޑެންގޫ ޖެހިގެން ޝޮކްޖެހޭ) ބަލި ޖެހިގެން ތިން މީހަކު އެޑްމިޓްކޮށްފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
"ޑެންގޫގެ ތަންކޮޅެއް ނުރައްކާ ހިސާބަޔަކަށް ދިއުމުން ހޮނޑުލާ އިރު އަނގައިން ލޭއައުމާއި ޝޮކްޖެހުން ހިމެނޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ އިސް އޮފިޝަލު މިއަދު ވިދާޅުވީ ޑެންޑޫ ހުމާއި ވައިރަލް ފީވާ ޖެހިގެން އެ ހޮސްޕިޓަލަށް ޑޮކްޓަރަކަށް ދައްކަން އަންނަ މީހުންގެ އަދަދު މިދުވަސްވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މި މަހު އެކަނި ވެސް 14 ކުޑަ ކުއްޖަކު ޑެންގޫ ޖެހިގެން ދައްކާފައިވާ އިރު ވައިރަލް ފީވާ ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު އެ މުއްދަތުގައި ޑޮކްޓަރަށް ދެއްކުމަށް ދިޔަ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވި އެވެ.