ރ. މަޑުއްވަރީގައި ރޭ ހިންގި ސިލްސިލާ މާރާމާރީތަކުގައި ތިން ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެކެވެ. އަދި އެ މާރާމާރީ ހިންގާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ މަޑުއްވަރީގައި ރޭ ހިންގި އެންމެ ފުރަތަމަ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ 22 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ދެ ވަނަ މާރާމާރީގައި 24 އަހަރުގެ ޒުވާނެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގާފައިވާއިރު، ތިންވަނަ މާރާމާރީގައި 34 އަހަރުގެ މީހެއްގެ ބުރަކަށްޓަށް ދަގަނޑަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

އެ ތިން މީހުންނަށް ވެސް ވަނީ މަޑުއްވަރީ ސިއްހީ މަރުކަޒުން ފަރުވާ ދީފަ އެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި، މުހައްމަދު ސާމިއު 'ސަން' އަަށް ވިދާޅުވީ، 22 އަހަރުގެ މީހާގެ ބޮލުގެ ނިތްކުރިމަތިން ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި 24 އހަރުގެ މީހާގެ ފުށްކިބަ މަށައިގެން ގޮސްފައިވާއިރު، 34 އަހަރުގެ މީހާގެ މައިބަދައާ ދިމާލުން ފުންކޮށް އެއްޗެއް ހަރާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މާރާމާރީއާއި ގުޅިގެން ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، 20 އަހަރާއި 32 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ފަޅު ރަށަކުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.