ޭބޭރު ގައުމުތަކުގެ ތެރެއިން، ދިވެހީން ދަތުރުކުރުމަށް ވިސާ ނަގަން ޖެހޭ ގައުމުތަކާ އެކު މަޝްވަރާކޮށް، ދިވެހީންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މި އަހަރުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މިދިޔަ އަހަރަކީ ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހީން ފަޚުރުވެރިވާނެ ފަދަ ކާމިޔާބުތަކެއް ހާސިލުކުރި އަހަރެއް ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރު ދޭދޭ ގައުމުތަކާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އދ.ގައި ރާއްޖޭގެ ހަރަކާތްތައް އިތުރުކުރެވިގެން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އުނދަގޫ ނިންމުމެއް ނަމަވެސް، ރާއްޖެ ކޮމަންވެލްތުން ވަކިވިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޚާރިޖީ ދާއިރާގައި މި އަހަރު ކުރާނެ އެންމެ މުހިންމު އެއް މަސައްކަތަކީ ބޭރު ގައުމުތަކުގެ ތެރެއިން، ދިވެހީން ދަތުރުކުރުމަށް ވިސާ ނަގަން ޖެހޭ ގައުމުތަކާ މަޝްވަރާކޮށްގެން ދިވެހީންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

"ވިސާ ނަގަން ޖެހޭ ގައުމުތަކާ އެކު މަޝްވަރާކޮށް، ދިވެހީންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މި ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ އިން ބޭރުގައި އުޅޭ ދިވެހީންނާއި ދިވެހި ކިޔަވާކުދިންނަށް ދީޕްލޮމެޓިކް އަދި ކޮންސިއުލާ ޚިދުމަތްތައް އިތުރަށް ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މެލޭޝިއާ އިން ދަނީ، އެގައުމަށް ދަތުރުކުރާ އޮން އެރައިވަލް ވިސާ ހިލޭ ދޭން ފަށައިފަ އެވެ. އަދި އެ އަހަރުގެ ޖުލައި މަހު، ރާއްޖެއިން ވެސް އޮން އެރައިވަލް ވިސާ ދޭން ފެށި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ އިން ވަނީ ޖަރުމަނު ވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވާފަ އެވެ. އަދި މިދިޔަ އަހަރު ދިވެހި ސަރުކާރުން ވަނީ ކެރިބިއަން ސަރަހައްދުގެ ޖަޒީރާ ގައުމު ސިޔާސީ ގުޅުން ގާއިމުކޮށްފަ އެވެ.