06 Feb 2017, 13:20
ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ކެޕޭސިޓީ މިއަހަރުގެ ތެރޭގައި 5،275 އަށް އިތުރުކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 20 ރިސޯޓު އަދި އެއް ހޮޓެލް ހުޅުވާފައިވާ ކަމަށެވެ.
މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގައި 11 ރިސޯޓު ވަނީ ހުޅުވާފައެވެ. އަދި 101 ގެސްޓްހައުސެއް ވެސް ވަނީ ހުޅުވާފަ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ހަ އަތޮޅެެއްގައި 11 ރިސޯޓު، އަދި 135 ގެސްޓްހައުސް ރަޖިސްޓާ ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި ހިނގާ 2017 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގެ 13 އަތޮޅެއްގައި 25 ރިސޯޓު ހުޅުވޭނެ ކަމަށެވެ. އަދި ގއ. ކޫއްޑޫގައި ޓުއަރިސްޓު ހޮޓަލެއް ހުޅުވޭނެ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ލަފާކުރެވޭ ގޮތުގައި 5،275 އެނދު އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި 50 ރިސޯޓު ތަރައްގީކުރުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވްއަބޯޑުތަކާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުމާ ހަމައަށް ޖުމްލަ 37،218 އެނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރު ބައިނަލްއަގުވާމީ ތާވަލު ދަތުރުތައް ފަށާފައިވާ އިރު، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ވަނީ ގާތްގަނޑަކަށް 1،500 ވަރަކަށް އެނދެވެ.
ނަމަވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ އިތުރު ފްލައިޓުތައް ގެނެވޭނީ އެސަރަހައްދުގެ ބެޑް ކެޕޭސިޓީ އިތުރުކޮށްގެން ކަމަށް ފަތުރުވެެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.