ޅ. ކުރެންދޫ ގެއަކުން އަގު ބޮޑު ދެ އަނގޮޓިއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު އެ މީހާ ހައްޔަރުކޮށްފައި ވަނީ ޅ. ކުރެންދޫ ގެއަކުން 15000 ރުފިޔާގެ އަގު ހުރި ދެ އަންގޮޓިއެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

ހުކުރު ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ އަނގޮޓި ހޯދާފައި ވަނީ އެމީހާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރި އިރު އެގޭ ކޮޓަރިއެއްގެ ތެރޭގައި ހުރި މޭޒެއްގެ ވަތްގަނޑު ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ކުރެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.