06 Feb 2017, 11:58
ނިމިދިޔަ 2016 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން، ބޮލަކަށް ޖެހޭ އާމްދަނީ 8،000 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތަފާސް ހިސާބުތަކާ ބެހޭ ގައުމީ އިދާރާ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތައް ދައްކާ ގޮތުގައި، 2016 ވަނަ އަހަރު ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 7،339 ޑޮލަރުގަ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް ހުރީ 8،063 ޑޮލަރުގައި ކަމަށެވެ.
މިއީ ގާތްގަނޑަކަށް 10 ޕަސަންޓުގެ ކުރިއެރުމެކެވެ.
2010 އިން 2015 އަށް ރާއްޖޭގެ ޖީޑީޕީ ޕަރ ކެޕިޓާ ދައްކައިދޭ ޗާޓެއް -- ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ތަކުރާރުކޮށް ވަނީ، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޮލަކަށް ޖެހޭ އާމްދަނީ 12،000 ޑޮލަރަށް ހަދައިދެއްވާނެ ކަމުގެ ވައުދު ވެވަޑައިގެންފަ އެވެ. އަދި އެއީ ނުވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި 18.1 ބިލިޔަން ރުފިޔާ ލިބުނު އިރު، 22.4 ބިލިޔަން ރުފިޔާ ޚަރަދު ކުރެވުނު ކަމަށެވެ.
ނަމަވެސް 2017 ވަނަ އަހަރު 21.9 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ އިރު، 22.2 ބިލިޔަން ރުފިޔާ ޚަރަދު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން، 2017 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް ކުޑަކުރެވި، ޕްރައިމަރީ ބެލެންސް 1.1 ބިލިއަން ރުފިޔާއިން އަރަނިވާނެކަމަށް ބެލެވޭ،" ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓު ޑެފިސިޓްގެ ނިސްބަތް ހުންނާނީ، މިއަހަރަށް ލަފާކުރެވޭ ޖީޑީޕީގެ 0.5 ޕަސަންޓުގައި ކަމަށް ރައީސް ވިދާޅުވި އެވެ.