06 Feb 2017, 11:42
ހިއްސާގެ ބާޒާރުގައި އެމްޓީސީސީގެ ހިއްސާތަކުގެ މުއާމަލާތްތައް ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނީ އެމްޓީސީސީގެ ބޯޑުގެ ނިންމުމަކުން، އެކުންފުނީގެ ހިއްސާއެއްގެ މޫނުމަތީ އަގު ދަށްކޮށް، އަދި އިތުރު ހިއްސާ ވިއްކަން ހުށަހަޅާފައި ވާތީ، މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހިއްސާގެ ބާޒާރުގައި އެމްޓީސީސީގެ ހިއްސާގެ މުއާމަލާތްތައް ހިންގުން މަޑުޖައްސާލެވޭނެ ކަމަށެވެ.
"މިގޮތަށް ހަމަޖެއްސީ އެމްޓީސީސީގެ ހުރިހާ އިންވެސްޓަރުންނަށް، ކުންފުނީގެ ހުށަހެޅުމާ ބެހޭ ފުރިހަމަ މައުލޫމާތު ލިބިގަތުމަށް ފުރުސަތު ދިނުމަށްޓަކައި،" ސްޓޮކް އެކްސްޗޭންޖުން ބުންޏެވެ.
އެމްޓީސީސީގެ ބޯޑުން ނިންމާފައި ވަނީ އެ ކުންފުނީގެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ކުޑަކުރާށެވެ. އަދި ކުންފުނީގެ އިތުރު ހިއްސާ، ހިއްސާދާރުންނަށް ވިއްކައި، އަދި އެއަށް ފަހު އާންމުންނަށް ވެސް ހިއްސާ ވިއްކަން ޖެހިއްޖެ ނަމަ އެކަން ކުރާށެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ ބޯޑުން ނިންމި ނިންމުންތައް ތަންފީޒު ކުރެވޭނީ އެ ކުންފުނީގެ ހިއްސާދާރުންގެ ގަރާރަކުން ފާސްވެގެން ކަމަށެވެ. އެހެންކަމުން، މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި އެކަމަށް ޚާއްސަކޮށް ބާއްވާ، ހިއްސާދާރުންގެ އާންމު ޖަލްސާއެއް ބޭއްވުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.
ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހިންގަމުން ގެންދާ އެމްޓީސީސީގެ ޗެއާމަން އަހްމަދު ނިޔާޒު ވިދާޅުވީ މިއީ ކުންފުނީގެ ބޯޑުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި، މިކަމުން ދޭހަވަނީ ހިއްސާދާރުންނަށް އަހައްމިއްޔަތުކަން ދީ، ކުންފުނީގެ މަސައްކަތްތައް ފުޅާކޮށްގެން، ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި ދެމިއޮތުމުގެ އަމާޒު ކަމަށެވެ.