06 Feb 2017, 11:49
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސްގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގައި ފަސޭހައިން ދަތުރު ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ފަސް ރަށެއްގައި އަޅާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
މިއަހަރުގެ ތެރޭގައި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާނެ ކަމަަށް ރައީސް ވިދާޅުވި ފަސް ރަށަކީ، ހދ. ކުޅުދުއްފުށްޓާއި، ށ. ފުނަދޫ، ފ. ނިލަންދޫގެ އިތުރުން ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާ އެވެ.
"ރާއްޖޭގެ އެކި އަތޮޅު ތަކުގައި ފަސޭހައިން ވައިގެ މަގުން ދަތުރު ކުރެވޭނެ މަގު، ފަހި ކޮށްދިނުމަށްޓަކައި ސަރަހައްދީ ވައިގެ ބަނދަރުތައް ގާއިމް ކުރުމަށް ސަރުކާރުން ހިންގާ މަޝްރުއުގެ މަސައްކަތުގެ ދަށުން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ. ނިލަންދޫ، ގދ. މާވަރުލު އަދި ފަރެސްމާތޮޑާގައި ސަރަހައްދީ ވައިގެ ބަނދަރު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އިރާދަ ކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި އެއާޕޯޓުގެ އިތުރުން މިއަހަރު އަތޮޅު ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ވެސް އަލި އަޅުއްވާ ލެއްވި އެވެ.
އެގޮތުން މިއަހަރުގެ ތެރޭގައި މުޅިން އަލަށް ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ތިން ރަށެއްގެ ފެން ހިންދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އޭގެ އިތުރުން 25 ރިސޯޓު ހުޅުވިގެންދާނެ ކަމަށް ލަފާކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާނަކީ ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު ބަޔާންކޮށް ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އިއްވާ ބަޔާނެކެވެ.
ފަސް ރަށެއްގެ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްގީއަށް ފާއިތުވި ތިން އަހަރު ހިންގި އަދި ހިންގަން ފަށާފައިވާ މަޝްރޫއުތަކުގެ ޖުމްލަ އިންވެސްޓްމެންޓުގެ އަދަދު ގާތްގަނޑަކަށް 900 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އިޤްތިޞާދާއި ވިޔަފާރީގެ ހަރަކާތްތައް ދިވެހިރާއްޖޭގައި އިތުރުކުރުމަށް، ފާއިތުވެދިޔަ އަހަރު އެންމެބޮޑު އިންވެސްޓްމަންޓްތަކެއް ކުރެވިފައިވަނީ، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގައި ޢުމްރާނީ ގޮތުންނާއި، ވަސީލަތުގެ ގޮތުން ހުރި ދަތިކަން ޙައްލުކުރުމަށް. މިގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ފާއިތުވި 3 އަހަރު ހިންގިފައިވާ އަދި ހިންގަން ފަށާފައިވާ މަޝްރޫޢުތަކުގެ ޖުމްލަ އިންވެސްޓްމަންޓް އަދަދަކީ ގާތްގަނޑަކަށް 900 މިލިއަން އެމެރިކާ ޑޮލަރު. " ރައީސް ޔާމީން ވިދާޅުވި އެވެ.