ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކޮށްފައިވަނިކޮށް، އެ ޖަލްސާގައި އެމްޑީޕީއަސް ނިސްބަތްވެވަޑައިގަންނަވާ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝުދު) ބައިވެރިވެ ވަޑަައިގެންފި އެވެ.

ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އެމްޑީޕީން ބޮއިކޮޓްކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ރައީސް ޔާމީން ހިންގެވި ކަންތައްތައް، ބަދަލުކޮށްގެން އެމަނިކުފާނު ދައްކާ ވާހަކަތައް އަޑު އަހަން ބޭނުން ނުވާ ކަމަށް ބުނެ އެވެ.

އެމްޑީޕީން އެހެން ބުނެފައި ވިޔަސް، ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި އޭޑީކޭ ނާޝިދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މީގެ ކުރިން އެމްޑީޕީ މެމްބަރުން ޕާޓީ ތަމްސީލު ކުރާއިރު ރީދޫ ކުލައިގެ ޓައި ތުރުކުރައްވައިގެން ތިއްބެވި ނަމަވެސް ނާޝީދު މިއަދުގެ ޖަލްސާއަށް ވަޑައިގަތީ ކަޅު ކުލައިގެ ޓައިއެއް ތުރުކުރައްވައިގެންނެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕު ތަމްސީލު ކުރައްވާ އެއްވެސް މެމްބަރަކު ޖަލްސާއަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އެއީ ޕީޖީ ގްރޫޕުން މަޝްވަރާކޮށް އެގޮތަށް ނިންމާފައި ވާތީ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ މިއަދުގެ ޖަލްސާއަށް ވަޑައިގެންފަ އެވެ. އެގޮތުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި އެވެ.