06 Feb 2017, 11:50
މާލީ އަދި ތިޖާރީ މައްސަލަތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ހާއްސަ ކޮމާޝިއަލް ކޯޓެއް ގާއިމް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައުޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހާލަތު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދުޅަހެޔޮ ފެންވަރު ރަނގަޅު ދިރިއުޅުމެއް ފަހިކޮށްފިނުން ކަމަށެވެ.
ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި ތަނަކަށް ހެދުމަކީ ވެސް މިހާރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށާއި އެކަމަށް މަގުތަނަވަސް ކުރުމުގެ ގޮތުން ޑިސްޕިއުޓް ރިޒަލިއުޝަން މެކޭނިޒަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މި މަސައްކަތުގެ ތެރޭގައި، ރާއްޖޭގައި މާލީ އަދި ތިޖާރީ މައްސަލަތަކަށް ހާއްސަ ކޮމާޝަލް ކޯޓެއް ގާއިމްކުރުމާއި، ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރެވޭ އާބިޓްރޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ." ރައީސް ޔާމީން ވިދާޅުވި އެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ޔާމީން ވަނީ ސަރުކާރުން ވޭތުވެ ދިޔަ އަހަރު ހިންގަވާފައިވާ އަދި މިހާރު ކުރިއަށް ހުރި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ބައެއް ރަށްރަށުގައި ހައުސިންގް ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އޭގެ އިތުރުން ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް މި އަހަރު ތިޔާގިވެގެން ދާނެ ކަން ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ދުވަހުގެ ތެރޭގައި، 64,000 އަށް ވުރެ ގިނަ ވަޒީފާ ރާއްޖޭގެ އެކި ދާއިރާތަކުގައި އުފެދިފައިވާ ކަމަށް ރައީސް ވަނީ އަންދާޒާ ކުރައްވާފަ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. މިއަދުގެ ޖަލްސާ ނިންމާލީ މާދަމާ މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާނެކަން އިއުލާނު ކުރައްވަމުންނެވެ.