އަންކާރާ (ފެބްރުއަރީ 6): އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 445 މީހަކު ތުރުކީ ފުލުހުން ހައްޔަރުކޮށްފި އެވެ.

ސަލާމަތީ ފަރާތްތަކާ ހަވާލާދީ ތުރުކީގެ އަންދަލޫ ނޫސް އޭޖެންސީން ބުނާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ އެގައުމުގެ 18 ޕްރޮވިންސެއްގައި ފުލުހުން ރާވައިގެން ކުރިއަށް ގެންދިޔަ ރޭޑުތަކެއްގަ އެވެ.

އެގޮތުން ވެރިރަށް އަންކާރާއިން ހައްޔަރު ކުރި 60 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށްވާ އިރު އިސްތަންބޫލުން ހައްޔަރު ކުރި 18 މީހުންގެ ތެރެއިން 14 މީހުންނަކީ ބިދޭސީން ކަމަށާއި އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އަންދަލޫ ނޫހުން ބުނެ އެވެ.

އަދި ގިނަ މީހުން ހައްޔަރު ކޮށްފައި ވަނީ ތުރުކީ އާއި ސީރިއާއާ ގުޅޭ ބޯޑަރު ކައިރީ އޮންނަ ޕްރޮވިންސްތަކުން ކަމަށާއި އެގޮތުން އުރުފާ އިން 150 މީހަކު ހައްޔަރު ކުރި އިރު ގާޒިއަންޓެޕް އިން 47 މީހަކު ހައްޔަރު ކުރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ނުވަ މީހަކު ހައްޔަރު ކުރި ކަމަށް އަންދަލޫ ނޫހުގައިވެ އެވެ.

އާ އަހަރު ފާހަގަ ކުރަމުން ދިޔަ އިސްތަންބޫލުގެ ނައިޓްކްލަބެއްގައި 39 މީހަކު މަރާލި ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ ނަގައިފަ އެވެ. އެހަމަލާއާ ގުޅިގެން މިދިޔަ މަހު ތުރުކީ ފުލުުހުން ވަނީ އުޒްބަކިސްތާނުގެ ރައްޔިތެއް ކަމަށްވާ އަބްދުލްގާދިރު މަޝަރިޕޮވް ހައްޔަރުކޮށްފަ އެވެ.

ތުރުކީ އަސްކަރިއްޔާ އިން ދަނީ ސީރިއާގެ އުތުރުގައި އައިއެސްއާ ހަނގުރާމަ ކުރަމުންނެވެ. އަދި ފާއިތުވި ދެ އަހަރު ތެރޭގައި އައިއެސް އިން ވަނީ ތުރުކީއަށް ބޮޑެތި ހަމަލާތައް ދީފަ އެވެ. (ބީބީސީ)