ރީކޯ މުސާ މަނިކު އެމްއެންބީސީ ޗެނަލް ވަންގެ ލައިބްރަރީ ތެރޭ އިންނަވަނިކޮށް ފޮޓޯ ނަގައި ލީކުކޮށްލި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ ޔޫތު ޓީވީ ހިންގެވުމާ ހަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖާ އިބްރާހިމް މުއާޒް ވަޒީފާއިން ވަކިކުރި މައްސަލަ އޭނާ ވަފީޒާހާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.

މުއާޒުގެ އަމިއްލަ ބްލޮގުގައި މިއަދު އޭނާ ލިޔެފައިވާ ގޮތުގައި، މިމަހުގެ ފަސް ވަނަ ދުވަހު ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުން އިންސާފު ހޯދަން މިދިޔަ ބުރާސްފަތި ދުވަހު ޓްރައިބިއުނަލަށް މައްސަލަ ވައްދާފަ އެވެ.

"އަޅުގަނޑު އެމްއެންބީސީގެ ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުންޏަށް ހިޔާނާތްތެރިވީކަމަށް ބެލެވޭ އަމަލުތަކެއް އަޅުގަނޑުގެ ކިބައިން ފެނިފައިވާތީކަމަށް އަޅުގަނޑު ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް އެއިން އެއްވެސްކަމެއް އަޅުގަނޑު ކޮށްފައި ނުވާނެތީ އާއި، އެފަދަ އެއްވެސް ތަހުގީގެއް ދުވަހަކު ވެސް އަޅުގަނޑާމެދު ކުރެވިފައި ނުވާތީ، އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު )23 ޖޫން2011( ގައި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ވާނީ ހުށަހަޅާފައެވެ،" މުއާޒު ވިދާޅުވެފައި އެވެ.

އޭނާ ވިދާޅުވެފައިވަނީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށާނެކަމަށް ޓްރައިބިއުނަލް އިން ވެސް އަންގާފައިވާ ކަމަށެވެ.

އަދި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެބައިމީހުންގެ ވަޒީފާގައި ސާބިތުމަކާއެކު މަސައްކަތްކުރަމުން ދާއިރު "ސިޔާސީގޮތުން އެކިއެކި ބަހަނާ ދައްކައި، ހިޔާނާތް ފަދަ ބޮޑެތި ކުށްތައް ބޮލުގައި އަޅުވާ ވަޒީފާއިން އެހެން ހިތަށް އެރިގޮތަކަށް" ވަކިކޮށްނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އިތުރަށް ބްލޮގުގައި ވިދާޅުވެފައިވެ އެވެ: "އަޅުގަނޑު އުއްމީދުކުރަނީ، އަޅުގަނޑުގެ ހައްގު އިންސާފު އަދި އަޅުގަނޑުގެ އަބުރަށް ލިބުނު އުނިކަމުގެ ބަދަލު ވަރަށް އަވަހަށް ލިބޭނޭ ކަމަށެވެ."

މި މައްސަލާގައި އޭނާގެ ފަރާތުން ވަކާލާތު ކުރައްވާނީ މަޝްހޫރު ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު ކަމަށް ވެސް މުއާޒު ވިދާޅުވެފައިވެ އެވެ.