06 Feb 2017, 10:39
ވޮޝިންޓަން (ފެބްރުއަރީ 6): ރަޝިއާ އިން އެ ގައުމުގެ ސަރުކާރަށް ފާޑުކިޔާ މީހުންނާއި ނޫސްވެރިން މަރާ ކަމަށް ތުހުމަތު ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ދިފާއު ކުރައްވައިފި އެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވަނީ ރައީސް ޕުޓިންއަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ޕުޓިން އަކީ އޭނާއާ ދެކޮޅަށް ހިޔާލުފާޅު ކުރާ ފަރާތްތައް މަރާ މީހެއް ކަމަށް ރިޕޯޓަރު ތުހުމަތު ކުރުމުން ޓްރަމްޕް ދެއްވީ އާދަޔާ ހިލާފު ޖަވާބެކެވެ.
"މީހުން މަރާ ވަރަށް ގިނަ މީހުން އުޅޭ. އަޅުގަނޑުމެންގެ ތެރޭގައި ވެސް މީހުން މަރާ ވަރަށް ގިނަ މީހުން އުޅޭ. ތިބޭފުޅާ ގަބޫލު ކުރައްވަނީތޯ އަޅުގަނޑުމެންގެ ގައުމުން އެއްވެސް ކުށެއް ނުކުރާކަމަށް؟" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސަކު އެފަދައިން ވިދާޅުވުމަކީ އާދަޔާ ހިލާފު ކަމެއް ނަމަވެސް ޓްރަމްޕް ވަނީ މީގެ ކުރިންވެސް އެމޭރުމުން ވާހަކަ ދައްކަވާފަ އެވެ. ދެހާސްފަނަރަ ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އެމެރިކާ އިން ވެސް "ވަރަށް ގިނަ މީހުން މަރާ ކަމަށް ގަބޫލު ކުރައްވާ" ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ޕުޓިން ވަނީ ފޯނުން ވާހަކަދައްކަވައި އައިއެސްއާ ހަނގުރާމަ ކުރުމުގައި ދެގައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. (ސީއެންއެން)