Last Updated: 9 year 10 month ago

މިއީ 2016 ވަނަ އަހަރުގެ މަޖިލީހުގެ އުސްއަލިތައް ދައްކުވައިދޭ ޗާޓެއް: 48 މެމްބަރުންނާއެކު މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތީ ސަރުކާރަށް-- ސަންގެ އުފެއްދުމެއް
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރިޔާސީ ބަޔާން އިއްވަވާނެ އެވެ. ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވުން އޮންނާނީ މިއަދު ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ މަޖިލީހުގެ ޖަލްސާގަ އެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވަން ވާނެ ކަމަށެވެ.
ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
ޕީޕީއެމް ސަރުކާރުގެ ފުރަތަމަ 3 އަހަރު ނިމިގެން ދިޔައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފާހަގަކޮށް، ރައީސް ވިދާޅުވީ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ ކަމަށް.
އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ. ކުރިއަށް އޮތް ތާނގައިވެސް މާތްﷲގެ އިރާދަފުޅާއި އެކަލާނގެ ވާގިފުޅާއެކު، ދިވެހި އުންމަތަށް ފާގަތި ދުވަސްތަކެއް މި ސަރުކާރުން ފަހިކޮށްދޭން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު އަރުވަން،
ސަރުކާރުން ހިންގަމުންދާ ޢުމްރާނީ ތަރައްޤީގެ ޕްރޮގްރާމްތަކާއި، އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުތަކުގެ ސަބަބުން ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ 94,000 ވަޒީފާގެ ފުރުޞަތުގެ ދަށުން، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި، 64,000 އަށްވުރެ ގިނަ ވަޒީފާ ރާއްޖޭގެ އެކި ދާއިރާތަކުގައި އުފެދިފައިވާ ކަމަށް އަންދާޒާ ކުރެވޭކަމުގައި އެމަނިކުފާނު ވިދާޅުވި.
މިއަހަރުތެރޭ ހުޅުވެން ހުރި ރިސޯޓުތަކާއި، ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރު، މިއަހަރަކީވެސް ވަޒީފާގެ ބާޒާރު ތިޔާގި އަހަރަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި.
މިގޮތުން، މިހާރު އެންމެ އިސްކަމެއް ދެވިގެން ކުރެވޭ އެއް މަސައްކަތަކީ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާނޭ ޑިސްޕިއުޓް ރިޒަލިއުޝަން މެކޭނިޒަމެއް ނުވަތަ މައްސަލަ ޙައްލުކުރުމުގެ ނިޒާމެއް ޤާއިމުކުރުން. މި މަސައްކަތުގެ ތެރޭގައި، ރާއްޖޭގައި މާލީ އަދި ތިޖާރީ މައްސަލަތަކަށް ޚާއްޞަ ކޮމާޝަލް ކޯޓެއް ޤާއިމުކުރުމާއި، ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ އާބިޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ،
