އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ އަތުން ފަސޭހަކަމާ އެކު 3-0ގެ ނަތީޖާ އަކުން މެންޗަސްޓާ ޔުނައިޓެޑް މޮޅުވި އިރު މެންޗަސްޓާ ސިޓީ ވަނީ ފަހު ވަގުތުގެ ގޯލުން 2-1ގެ ނަތީޖާ އަކުން ސްވެންސަ ސިޓީ އަތުން މޮޅުވެފަ އެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ޔުނައިޓެޑުން ވަނީ ދެ ގޯލު ކާމިޔާބްކޮށް ލީޑް ނަގާފަ އެވެ. ފުރަތަމަ ގޯލު ހެންރިކް މިކިތާރިޔަން ކާމިޔާބްކޮށްދިން އިރު ދެވަނަ ގޯލު ކާމިޔާބްކޮށްދިނީ ޒަލަޓާން އިބްރަހިމޮވިޗެވެ.

ޔުނައިޓެޑްގެ ތިން ވަނަ ގޯލު ދެވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ހުއާން މަޓާ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި އެޓީމްގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ވަނީ އެޓީމަށް ލީޑް ނަގައިދީފަ އެވެ. ސްވެންސައަށް އެއްވަރުކޮށްދިން ގޯލު 81 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ގިލްފީ ސިގާސަން އެވެ. އެ ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ސިޓީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު އިތުރުވަގުތުގެ ތެރޭގައި ކާމިޔާބްކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބްކޮށްދިން ގެބްރިއަލް އެވެ.

ރޭގެ މޮޅާ އެކު ސިޓީ ވަނީ އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޖުމްލަ 49 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައަށް ޖެހިލާފަ އެވެ. ދެވަނާގައި 50 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު އެއްވަނާގައި އޮތް ޗެލްސީއަށް ލިބެނީ 59 ޕޮއިންޓެވެ. ރޭގެ މެޗުން މޮޅުވި ޔުނައިޓެޑް އަދިވެސް އޮތީ ހަވަނާގަ އެވެ. ޔުނައިޓެޑަށް ލިބޭނީ 45 ޕޮއިންޓެވެ. ޔުނައިޓެޑް އަތުން ބަލިވި ލެސްޓާ އޮތީ 21 ޕޮއިންޓާ އެކު ތާވަލުގެ ފުލުން ފަސް ވަނާގަ އެވެ.