ސަފާގީ ކުރުހެދުމެއް ލައިގެން ހުނިގާނަން އިން ކުޑަ އަންހެން ކުއްޖެކެވެ. ދެން އިނީ މަސްކަނޑަން އިން ދިވެހި ވަންތަ ކުޑަ ފިރިހެން ކުއްޖެކެވެ. އެކުދީންގެ ވަށައިގެން ވޮށުފިލާގައި ކިޔަވައިދޭން އެއްބަޔަކު ތިއްބެވެ. އަނެއްބައި ކުދީން ދިވެހި ވަންތަ ބަދިގެއެއްގައި ކައްކަމުންދިޔަ އިރު ދެން ތިބި ކުދީން ދިޔައީ ދަނޑުވެރިކަން ކުރަމުންނެވެ. ހަމަ އެންމެ އިހުޒަމާނުގެ ގޮތަށެވެ. މިއީ ކިންޑާ ޕްރީ ސްކޫލުގެ ސަގާފީ ދުވަހުގެ މަންޒަރެކެވެ.

ހުރިހާ ކުދީން ވެސް ތިބީ ސަގާފީ ހެދުން ލައިގެންނެވެ. ޝައުގުވެރިކަމާ އެކު ދިވެހި ވަންތަ މާހައުލެއްގައި އުޅެމުންދިޔަ އެވެ. ކިންޑާ ޕްރީ ސްކޫލުގައި ތައުލީމް ހާސިލްކުރާ އައިމިނަތު އީނާން އަލީ ބުނި ގޮތުގައި މިހާރު އުޅޭ ދިރިއުޅުމަށް ވުރެ ކުރީގެ ދިރިއުޅުމުގެ ވައްޓަފާޅި މާ ކަމުދެ އެވެ.

ދިވެހީންގެ ކުރީގެ ދިރިއުޅުން އޭނާ ކުރިން ނުދެކޭ ކަމަށާއި ސްކޫލުން ފެނުނު މަންޒަރުތަކާ އެކު ކުރީގެ ގޮތްތަކާއި އެ އަޅާ ހެދުން ވެސް މާކަމުދިޔަ ކަމަށް އީނާން ބުންޏެވެ.

"މިކަހަލަ ހެދުން ރީތީ، މިހެދުން ލާން ބޭނުމީ،" އީނާން ބުންޏެވެ.

އެތައް ހާސް ކުދިންނެއް ޕްރީ ސްކޫލު ތައުލީމް ހާސިލް ކުރަމުންގެންދާ އެތައް ސްކޫލެއްގައި މިހާރު ދަނީ ސަގާފީ ދުވަސް ފާހަގަ ކުރަމުންނެވެ. އެދުވަސްތަކުގައި ކުދިން ސަގާފީ ހެދުން ލާއިރު ދިވެހީންގެ ޒަމާންވީ އާދަކާދަތައް ކުދިންނަށް ދަސްކޮށްދެވެ އެވެ. ކުދިންގެ ޝައުގުވެރިކަން އެކަމަށް ބޮޑެވެ.

ކިންޑާގެ އެސްކޭޖީގައި ތައުލީމް ހާސިލްކުރާ މުހައްމަދު މާހިލް ސިނާން އަލީ ބުނީ މީގެ ކުރިން ދިވެހި ވަންތަ ދިރިއުޅުންތައް ނުފެންނަ ކަމަށާއި ނަމަވެސް އެދިރިއުޅުމާއި އާދަކާދަ މާކަމުދާ ކަމަށެވެ.

"މާހިލްއަށް ކަމުދަނީ ދިވެހި ކަހަލަ ހެދުން،" މާހިލް ބުންޏެވެ.

ކުދިންނަށް ސަގާފަތް ކިޔައިދިނުމަށް ސްކޫލްތަކުގެ ހުސްބިންތައް ވަނީ ކުރީގެ ދިރިއުޅުމަށް ބަދަލުކޮށްފަ އެވެ. ހޮޅުއަށިތަކާއި ޖޯލިތައް ހަދައި އެތަންތަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އެކުދީންނަށް ދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުދީންނަށް އެކަންކަން އެނގިގެންދެ އެވެ.

"މިކަންތައްތައް ހޯދައި ދެނެގަންނަން ކުދީން ވަރަށް ބޭނުންވޭ، މިސާލަކަށް ވަރަށް ބޮޑަށް އަހާލާ މިއީ ކީއްކުރާއެއްޗެއްތޯ، މިއީ ކޯއްޗެއްތޯ،" ކިންޑާގެ ޑެޕިއުޓީ ޕްރިންސިޕަލް ހައްވާ ފަސީލް ވިދާޅުވި އެވެ.

ރޯނު ވެށުމާއިި ފަންގިވިނުމާއި މަސް ބޭނުން ފަދަ ކަންކަން ކުރާގޮތް ފެށުނީއްސުރެން ނިޔަލަށް ކުދީންނަށް ދައްކުވައިދެ އެވެ. ކުދިން ލައްވައި ރައިވަރު ކިޔުއްވަ އެވެ. އެއީ ކުދީންނަށް އެކަންކަން ދަސް ކުރަން ލިބޭ ރަނުގެ ފުރުސަތެވެ.

"މިގޮތަށް މިހަރަކާތް ގެންދިޔައިމާ ވަރަށް ބޮޑަށް ފާހަގަވޭ އެކުދީންގެ ހަނދާނުގައި ވަރަށް ގިނަ ދުވަހު ހުންނަކަން، މިދިޔަ އަހަރު ރޯނު ވެށުމުގެ ކަންކަން ކުރިއަށް ގެންދިޔަ އިރު އެ ހަނދާންތައް ވަރަށް ބޮޑަށް ހުރިކަން ފާހަގަވޭ، މިއަހަރު ރޯނު އެއްޗެހި ފެނުނީމާ އެވާހަކަ އެބަ ދައްކާ،" ހައްވަ ވިދާޅުވި އެވެ.

ދިރިއުޅުމުގެ އިތުރުން އޭރުގެ ދިވެހި ވަންތަ ކުޅިވަރުތައް ކުދިން ލަށްވައި ކުޅުވަ އެވެ. ފިރިހެން ކުދީން ލައްވައި ތިންމުގޯލި ކުޅޭއިރު އަންހެނުން ކުދީން ބަށި ކުޅެއެވެ.

ރަނގަޅު ފެށުމެއް!

މިފަހަކަށް އައިސް ކުޑަކުދީންނަށް މުޅިންހެން ފެންނަމުންދަނީ ކާޓޫނު ކެރެކްޓާތަކެވެ. އެކުދީންގެ ޝައުގުވެރިކަން މުޅިންހެން އޮންނަނީ އެކަމަށެވެ. ނަމަވެސް ސަގާފީ ކަންކަން މިހާރަށް ވުރެ ފުޅާ ކުރެވިއްޖެ ނަމަ މިއީ ކުދީންގެ ހިތްތަކަށް ގައުމީ ލޯބި ވެއްދޭނެ ކަމެކެވެ.

ދިވެހި ތާރީހާއި އާދަކާދަތައް ދިރާސާ ކުރައްވާ އަދި އަދަބީ ދާއިރާގެ ތަޖްރިބާކާރެއް ކަމަށްވާ އާދަމް ނަސީރު ވިދާޅުވާ ގޮތުގައި ކުދިންނަކީ ވަކި އުމުރެއްގައި ކަންތައްތައް ބޮޑަށް ދަސްކުރާ ބަޔަކަށްވާ އިރު، ދިވެހި ސަގާފަތް ކުދީންނަށް ބުނެދިނުން ވަރަށް މުހިންމެވެ. ނަމަވެސް ދަސްކޮށްދޭ އެ ސަގާފަތަކީ އޭގެ މާނަހުރި، ރީތިގޮތަށް ވާންޖެހޭ ކަމަށް ނަސީރު ވިދާޅުވި އެވެ.

ކޮންމެއަކަސް މިއީ އިހުޒަމާނުގެ އާދަކާތަކާއި ސަގާފަތްތައް މިޒަމާނުގެ ކުދީންނަށް ޝައުގުވެރިކަމާ އެކު އުންގަންނައިދީ، މިފަދަ އާދަތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމަށް ބޭނުންކުރެވިދާނެ ފަސޭހަ އުކުޅެކެވެ. މީގެ އިތުރުން އާންމު ދިރިއުޅުމުގެ ތެރެއިން ވެސް އެކުދީންނަށް އެފުރުސަތު ހޯދައިދޭންޖެހެ އެވެ. އެ ކުދީން ލާންގެންގުޅޭ އަންނައުނާއި، ކުޅޭ ކުޅިވަރުތަކުގެ ތެރެއިންވެސް މިފަަދަ ފުރުސަތުތައް ލިބޭނޭ މަގު ފަހުކޮށްދޭން ޖެހެ އެވެ.