މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެހީވެދޭ އަދި މަސްތުވާތަކެއްޗާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ހެލްޕް ލައިން "1410" މިއަދު ތައާރަފްކޮށްފި އެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި އެ ހެލްޕް ލައިން ލޯންޗްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.

ހެލްޕް ލައިން ގާއިމްކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފަނު ވިދާޅުވީ، 1410 ނަންބަރު ތައާރަފް ކުރުމުން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެ ނަންބަރު ހުރިހާ ކުދިން ވެސް ހަނދާން ބެހެއްޓުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މިއަދު އުފާވަނީ އަދި އަޅުގަނޑު ހިތްހަމަޖެހެނީ، 1410 ނަންބަރަށް ހުރިހާ ކުދިންނަށް ވެސް މިއަދު ގުޅޭނެ ކަމަށްޓަކައި. 1410 ނަންބަރު އަޅުގަނޑު ދަންނަވާނީ ވަރަށް ގިނަ ކުދިން ހަނދާން ބަހައްޓަންޖެހޭނެއޭ. އަޅުގަނޑުމެންގެ އިންޑެކްސް ނަންބަރަށް ވުރެ ތަންކޮޅެއް ހަގު. އެކަމަކު އަޅުގަނޑު ބޭބެގެ އިންޑެކްސް ނަންބަރު. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ހުރިހާ ކުދިން ވެސް، ޑްރަގް ބޭނުންކުރާ ހުރިހާ ކުދިން 1410 އެ ނަންބަރު ހަނދުމައިގައި، ހަނދާނުގައި އަބަދު ވެސް ބެހެއްޓުން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ އަންހެން ކުދިންނަށް އެހީވާނެ ތަންތަން ގާއިމްކުރެވިފައި ނެތުމުން ދިމާ ދަތިތައް ހައްލުކުރުމަށްޓަކައި އަންހެން ކުދިންނަށް ހާއްސަ "ހާފްވެ ހައުސް" އަކާއި ރީހެބް ސެންޓަރެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް މިއަދު ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލާ ކުދިންނަށް ހިތްހަމަ ޖެހޭ މާހައުލެއްގައި ދިރިއުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހާފް ވޭ ހައުސް އަޅަނީ ހުޅުމާލޭގަ އެވެ. އެތަނުން ބިންގާ މިއަދު ހަވީރު އަޅާނެ އެވެ. އަދި އަންހެން ކުދިންނަށް ހާއްސަ ރީހެބް ސެންޓަރުގެ ބިންގާ މާދަމާ ވިލިމާލޭގައި އަޅަން ހަމަޖައްސާފައިވެ އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ތެރޭގައި ވެސް އެފަދަ ތަންތަން ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުދިންނަށް ފަރުވިނުމުގެ މަސައްކަތް ކުުރިއަށްގެންދާނީ އަމިއްލަ ޖަމާއަތްތަކާ ވެސް ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2008 ވަނަ އަހަރު 365 މީހަކު ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރީހެބިލިޓޭޝަން ސާވިސަސް )ޑީޑީޕީއާރުއެސް( އިން ފަރުވާ ހޯދާފައިވެ އެވެ. އަދި 2009 ގައި 233 މީހަކު ފަރުވާހޯދާފައިވާ އިރު 2010 ގައި ފަރުވާ ހޯދީ 108 މީހެކެވެ.

އަދި މި އަހަރު 68 މީހަކު ދަރުވާ ހޯދަމުންދާ އިރު ފަރުދާ ހޯދަން އެދޭ ހުރިހާ މީހުންނަށް ފުރުސަތު ނުދެވޭ ކަމުގައި ހެތްލުން ބުނެ އެވެ.