ދިވެހި ތާރީހުގައި ވީގޮތެއް ނޭނގޭ އެތައް ކަމެއް ހިނގާފައިވާ އިރު އޭގެ ތެރެއަށް އިތުރު ބޮޅެއް އެކުވާހެން އެބަ ހީވެ އެވެ. އެއީ ދޭތެރެ ދޭތެރެއިން ކ. ހިންމަފުށީ ގޭގޭ ދޮރަށް އަރާ ވަޒަންތަކެވެ. ފުރަތަމަ ވަޒަން އެރިތާ ދެ އަހަރާއި ހަތް މަސްވީ އެވެ. އެކަން ވީގޮތެއް ނޭނގެ އެވެ. އަނެއް ވަޒަން އެރިތާ ހަފްތާއެއް ވާއިރު އެއީ ކިހިނެއް ހިނގި ކަމެއްކަން ވެސް ނޭނގެ އެވެ.

ތަހުގީގީ ނަޒަރަކުން ބަލާއިރު މީގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ ހިންމަފުށްޓާ އެއް ކިލޯ މީޓަރު ދުރުގައި އޮންނަނީ ސިފައިންގެ ޓްރެއިނިން ބޭސް ކަމަށްވާ ގިރިފުށިން އަންނަ ވަޒަންތަކެކެވެ. އަނެއްގޮތަކީ ހިންމަފުށީގައި ހަތިޔާރު ގެންގުޅެނީ އެވެ. ނަމަވެސް މިއިން އެއްކަމެއް ވެސް ނުހިނގާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. މިއީ އަރަތެއް ނޫންތޯ އެވެ.؟

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނި ގޮތުގައި ހިންމަފުށީގެ ގެއެއްގެ ދޮރަށް އެރި ކަމަށް ބުނާ ވަޒަނަކީ ގިރިފުށިން ދިޔަ ވަޒަނެއް ނޫނެވެ.

ފަހުން ފެނުނު ވަޒަނަކީ "9އެމްއެމް"ގެ ވަޒަނެކެވެ. ފުލުހުންގެ ތަހުގީގަށް އެވަޒަން ގެންގޮސްފައިވާ އިރު އެއީ ވަޒަނެއްކަން ފުލުހުންގެ އިސް އޮފިޝަލަކު ޔަގީން ކޮށްދެ އެވެ. އެއީ ސިފައިންގެ ސްޕެޝަލް ފޯސްގައި ބޭނުންކުރާ ވައްތަރުގެ ވަޒަން ކަމަށް އެނގިފައިވެ އެވެ. ގިރިފުށީގައި ސްޕެޝަލް ފޯހުން ތަމްރީނު ހަދަ އެވެ.

މީގެ ކުރިން ހިންމަފުށީގެ ގެއެއްގެ ދޮރަށް ވަޒަން އެރި ހާދިސާއަކީ ސިފައިންގެ އިހުމާލުންވީ ކަމެއްކަމަށް އެމްއެންޑީއެފުން ހިންމަފުށީ ކައުންސިލަށް އޭރު އަންގާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

"އެމީހުން [ސިފައިން]ގެ އިހުމާލުން ވެފައިވާ ކަމެއްކަމަށް ކުރީފަހަރު ބުނެފައި އޮތީ، އެއީ ކުރީފަހަރު، އަދި މިފަހަރު އެއްޗެއް ދަންނަވަން ނޭނގެ،" ހިންމަފުށީ ކައުންސިލުން ބުންޏެވެ.

ނަމަވެސް ސިފައިން އެވާހަކަ ދޮގުކުރެ އެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ހަތިޔާރާއި ވަޒަން ބޭނުންކޮށްގެން ސިފައިން ހިންގާ ތަމްރީނުތަކަކީ، އޭގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވިގެން ހިންގާ ތަމްރީނުތަކެއް ކަމަށެވެ.

މި ދެ ހާދިސާގައި ވަޒަން އެރި ދެ ގެއަކީ ވެސް ގިރިފުށްޓާ ދިމާލު އަތިރިމައްޗަށް ވާގޮތަށް ހުންނަ ދެ ގެއެވެ. އަދި މިފަހަރު ވަޒަން އަރާފައި ހުއްޓާފެނުނު ލިލީނައިޓްގެ ހުންނަނީ ކުރީފަހަރު ވަޒަން އެރި ގެއަށް ވުރެ ގިރިފުށްޓާ މާ ކައިރި ސަރަހައްދެއްގަ އެވެ.

ގިރިފުށިން ޖަހާ ވަޒަނެއް ހިންމަފުށްޓަށް އެރުމަކީ ވެދާނެ ކަމެއްތޯ މިއީވެސް މިއަދު ބަހުސެކެވެ. އަސްކަރީ ދާއިރާގެ އިސް ސަފުގައި މަސައްކަތްކޮށްފައިވާ ބައެއް ފަރާތްތަކުން އެކަން ވާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އަނެއް ބަޔަކު ބުނަނީ އެއީ ވެދާނެ ކަމެއް ކަމަށެވެ. އެކަން ވެސް އަރަތަކަށެވެ.

ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ---

"ވަޒަން އަރާނެ އެހިސާބަށް [ހިންމަފުށްޓަށް] އަދި ސީދާ ސީދާ އަންނަ ވަޒަން ހާއްސަކޮށް،" އޭނާ ވިދާޅުވި އެވެ.

ސިފައިން ގިރިފުށީގައި ތަމްރީނުތައް ހަދާތާ އެތައް އަހަރެއްވެފައިވާ އިރު މިފަހަކަށް އައިސް ހިންމަފުށިން ވަޒަން ފެންނަން ފެށުމުން އެކަމުގައި ސުވާލު އުފެދޭ ކަންކަން ވަނީ އިތުރުވެފަ އެވެ. މީގެ ކުރިން އެފަދަ ހާދިސާއެއް ނުހިނގަ އެވެ.

ދެން އޮތީ ހިންމަފުށީގައި ހަތިޔާރު ގެންގުޅެނީތޯ އެވެ. ސަލާމަތީ ބާރުތައްކަމަށްވާ ސިފައިން ވެސް ފުލުހުން ވެސް އެކަން ދޮގުކުރެ އެވެ. ފުލުހުންގެ އިސް އޮފިޝަލަކު ޔަގީންކޮށްދޭ ގޮތުގައި މިހާތަނަށް ހިންމަފުށީގައި ހަތިޔާރު ގެންގުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއްނުވެ އެވެ.

ފަހުގެ ތާރީހަށް ބަލާއިރު ވެރިރަށް މާލެއާއި އަތޮޅުތެރޭ ރަށްތަކުން ވެސް ވަޒަނާއި ހަތިޔާރު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ އަސްކަރިއްޔާގެ ތަކެތި ވެސް ހިމެނެ އެވެ. އެހެންކަމުން އާންމު މީހެއްގެ އަތުގައި ހަތިޔާރު ނުހުންނާނޭ ބުނުމުގެ ފުރުސަތު އެހާ ބޮޑެއް ނޫނެވެ.

ކޮންމެއަކަސް މިކަން މިވަނީ އެރަށު ރައްޔިތުންނަށް އޮތް ބޮޑު ބިރަކަށެވެ. ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް މީހަކަށް އަމާޒު ވެދާނެތީއެވެ. ނަމަވެސް ދެރައީ މިހާދިސާތައް ހިނގަން މެދުވެރިވި ގޮތުގެ ހަގީގަތް ނުހޯދި މިކަން އަރަތަކަށްވެފައިވާތީ އެވެ.