ފުލުހުންގެ ގުދަންތަކުގައި ހުރި މަސްތުވާތަކެތި ނައްތާނުލެވި ހުރީ އެ ތަކެތި އަތުލައިގަނެވިފައިވާ މީހުންނާ މެދު ކޯޓުން ވަކި ގޮތެއް ނުނިންމައި ހުރުމުން ކަމަށާއި، އެ މައްސަލަތައް ނިމެންދެން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ރައްކާތެރި ކަމާއެކު ބަހައްޓާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ސަން ޓީވީގެފަންސާސް މިނެޓު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަބް އިންސްޕެކްޓަރު ހުސައިން ވިޝާމް ވިދާޅުވީ، އެކި މައްސަލަތަކުގައި އަތުލައިގަނެވިފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ގުދަންތަކުގައި ރައްކާތެރިކަމާ އެކު ރައްކާކުރެވިފައިވާ ކަމަށާއި އެތަކެތި ނައްތާނުލައި ހުރީ އެ ތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގެ ޝަރީއަތް ނުނިމިގެން ކަމަށެވެ. އަދި އެގޮތަށް ނިމޭ މައްސަލަތަކުގައި އަތުލެވިފައި ހުންނަ ތަކެތި މީޑިއާގެ ކުރިމަތީގައި ނައްތާލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގިނަ އަދަދެއްގެ މަސްތުވާތަކެތި އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ މިިހާރުވެސް އެބަހުރި ރައްކާ ކުރެވިފަ. އަޅުގަނޑުމެންނަށް މަސްތުވާތަކެތި ނުވަތަ ބަނގުރާ މި ނައްތާލެވެނީ އެ އެއްޗަކާ ގުޅުން ހުރި މައްސަލައެއްގެ ތަހުގީގު ނިމި ޝަރީއަތަށް ފޮނުވި އަދި ޝަރީއަތް ނިމުނީމަ. އެހެން ވީމަ ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަދި ބަނގުރާ އަޅުގަނޑުމެންގެ ގުދަންތަކުގަ ރައްކާ ކުރެވިފަ އެބަހުރި،" ވިޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަނގުރަލުގެ މައްސަލަތައް ޝަރުއީ ނިޒާމުގެ ތެރެއިން ނިމޭލެއް އަވަހެވެ. އެހެން ކަމުން ގިނަ ފަހަރު އެފަދަ ތަކެތި ނައްތާލަނީ އެ ސަބަބާ ހުރެ ކަމަށާއި އެގޮތުން މިދިޔަ ތިން އަހަރު ދުވަސްތެރޭގައި ގިނަ އަދަދެއްގެ ބަނގުރާ ވާނީ ނައްތާލެވިފައި ކަމަށް ވިޝާމް ވިދާޅުވިއެވެ.

ހިކި ބާވަތުގެ މަސްތުވާތަކެތީގެ ބޮޑެތި ގިނަ މައްސަލަތަކެއް އަދިވެސް ޝަރީއަތުގެ މަރުހަލާގައި ހުރުމުން އެ މައްސަލަތަކާ ގުޅުން ހުރި މަސްތުވާތަކެތި އަދިވެސް ފުލުހުންގެ ގުދަންތަކުގައި އެބަ ހުއްޓެވެ. އަދި އެފަދަ މައްސަލަތައް ނިމޭ ވަރަކަށް ގަވާއިދުން އެތަކެތި ނައްތާލަމުން ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.