އިންޑިއާގެ މެލޮޑީ ކުއީން އާޝާ ބޯސްލޭގެ އާ ލަވައެއް އަޑު ނީވޭތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އާޝާ އެންމެ ފަހުން ލަވަ ކިޔާފައި ވަނީ 2013 ވަނަ އަހަރު ރިލީޒް ކުރި އޭނާގެ ފުރަތަމަ ފިލްމު 'މާއީ' އަށެވެ. އޭގެ ފަހުން އާޝާ އަދި މިހާތަނަށް އިތުރު ލަވަ އެއް ރެކޯޑު ކޮށްފައެއް ނުވެ އެވެ.

ނަމަވެސް މިއީ އާޝާގެ ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ. ގިނަ ދުވަސްތަކަކަށް ފަހު އާޝާ ލަވަކިޔުމަށް އެނބުރި އަންނަނީ އެވެ.

ޚަބަރުތައް ބުނާ ގޮތުން ވިދްޔާ ބާލަން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ބޭގަމް ޖާން'ގައި ވިދްޔާ އަށް އާޝާ ލަވަކިޔައިދޭ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު ސްރިޖީތު މުކަރްޖީ ކުރި ޓުވީޓެއްގައި ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. އާޝާ އާއި ވިދްޔާ އެކުގައި ނަގާފައިވާ ފޮޓޯއެއް ޓުވީޓު ކުރުމަށް ފަހު މުކަރްޖީ ބުނެފައިވަނީ 'ބޭގަމް ޖާން' ގައި އާޝާގެ އަޑު ހިމެނޭނެ ކަމަށެވެ.

'ބޭގަމް ޖާން' ސިންމާތަކަށް އަންނާނީ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.