މިއަހަރުގެ މާޗް މަހުގައި ޖަރުމަނު ވިލާތުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާގައި ރާއްޖޭގެ ސްޓޭންޑުގައި އަތްތެރިމަސައްކަތް ހިލޭ ދައްކުވައިދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއުލާންކޮށްފިއެވެ.

އެމްއެމްޕީއާރުސީން ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުގިވެރިވާ ފަރާތްތަކުން މިމަހުގެ ނުވަ ވަނަ ދުވަހު އެ ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު މިމިހުގެ 13 ވަނަ ދުވަހު އެކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ޖަރުމަނު ވިލާތުގައި މިއަހަރު ބާއްވާ އައިޓީބީ ފެއާ މިއަހަރު އޮންނާނީ މާޗް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެއާގައި ދުނިޔޭގެ 187 ގައުމަކުން 10،000އަށް ވުރެ ގިނަ އެކްޒިބިޓަރުން ބައިވެރިވާނެ އެވެ. މި ފެއާ ބާއްވާ ސަރަހައްދުގެ ބޮޑު މިނުގައި 160.000 އަކަ މީޓަރު ހުރެއެވެ.

އައިޓީބީ ފެއާ އަކީ ދުނިޔޭގެ ޓޫރިޒަމް މާކެޓު އެއްތަނަކަށް ގެނެސް އެ ދާއިރާގެ ވިޔަފާރީގެ ބޮޑެތި ޑީލުތަކެއް ނިންމާ ފެއާ އެކެވެ. މި ފެއާއަށް ކޮންމެ އަހަރަކުވެސް 120،000 އަށްވުރެ ގިނަ ވިޔަފާރި ވެރިން ޒިޔާރަތްކުރެއެވެ. އަދި އެ ފެއާއަށް ޒިޔާރަތް ކުރާ އަމިއްލަ ފަރާތްތަކުގެ އަދަދު ކޮންމެ އަހަރަކުވެސް 60،000 އަށް ވުރެ ގިނައެވެ. މީގެ އިތުރުން ކޮންވެންޝަން ވިޒިޓަރުންގެ ގޮތުގައި ކޮންމެ އަހަރަކުވެސް 26،000 މީހުން ޒިޔާރަތް ކުރެއެވެ.

އައިޓީބީ ފެއާއަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ޓްރެވެލް ޓްރޭޑު ޝޯތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޝޯ އެވެ. މި ފެއާގައި ރާއްޖެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.