ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، އެކަމުގައި ފޫނުބެދޭ ލޯވަޅުތަކެއްވާ ކަމަށް ބެލެވިގެން އެކަންތައްތައް ތަހްގީގު ކުރުމަށްޓަކައި ހިއުމަން ރިސޯސް މިނިސްޓްރީ އާއި އިމިގްރޭޝަންގައި ބިދޭސީންނަށް ހިދުމަތްދިނުމުގެ ކަންތައްތަކުގައި ސިފައިން ހަރަކާތްތެރިވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އޭގެ ސަބަބުން ސިވިލް ސާވިސްގެ މުވައްޒަފެއްގެ ވަޒީފާ ގެއްލި އެމީހުންނަށް ދެރަ ގޮތްތަކެއް ވަމުންދާ ނަމަ އެކަމަކީ އެކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް ސިވިލް ސާވިސްގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ފަހުމީ ވިދާޅުވީ ހިއުމަން ރިސޯސް މިނިސްޓްރީ އާއި އިމިގްރޭޝަންގައި ބިދޭސީންނަށް ހިދުމަތް ދިނުމުގެ ކަންތައްތައް ކުރަމުންދިޔަ ސިވިލް ސާވިސްގެ މުވައްޒަފުންގެ މަސައްކަތްތަކާ ވަގުތީ ގޮތުން ސިފައިން ހަވާލުވެގެން އެމަސައްކަތް ކުރަމުން ގެންދަނީ އެކަންތައްތައް ކުރަމުން ގެންދާ ގޮތް ބަލައި، އެސިސްޓަމްތަކުގެ ސަބަބުން އެފަދަ މައްސަލަތައް ދިމާވެދާނެތޯ ބެލުމަށް ކަމަށެވެ.

"ވަގުތީ ގޮތުން ސިފައިން ކުރިއަށް ގެންދާ މަސައްކަތަކީ އެ މައްސަލަތައް ދިމާވާ ގޮތެއް ބެލުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއް. މުވައްޒަފުންނަށް ދެރައެއް ވާނެ ގޮތަކަށް އެކަން ނުހިނގާނެ ކަމަށް އަޅުގަނޑު މި ބަލަނީ،" ފަހުމީ ވިދާޅުވި އެވެ.

ސިފައިން ކުރަމުންގެންދާ ތަހުގީގު ނިމެންދެން ހިއުމަން ރިސޯސް މިނިސްޓްރީ އާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގޭގައި މަޑުކުރުމަށް ރައީސް އޮފީހުން އެ ތަންތަނަށް އަންގާފައިވާ ކަމަށް މިއަދު ހެނދުނު ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު ވަނީ ވިދާޅުވެފަ އެވެ.

ފަހުމީ ވިދާޅުވީ ސިފައިންގެ ތަހްޤީޤަކަށް ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް ގޭގައި ބެއިތިއްބުމަށް އަންގަވާފައިވާ ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ސިވިލް ސާވިސްގެ ޤާނުގެ ދަށުން ސިފައިން ކުރަމުން ގެންދާ އެފަދަ ތަހްޤީޤަކަށް ސިވިލް ސާވިސްގެ މުވައްޒަފަކު ގޭގައި މަޑުކުރުމަކީ ސިވިލް ސާވިސްގެ ޒިންމާދާރުވެރިއަކު ނުވަތަ ޕާމަނަންޓް ސެކެޓްރީ އަކު އަންގަވައިގެން ކުރާ ނަމަ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިވިލް ސާވިސްގެ މުވައްޒަފަކު ގޭގައި މަޑުކުރަން އެނގޭނީ ސިވިލް ސާވިސްގެ ޒިންމާދާރު ވެރިއަކަށް ނުވަތަ އެމިނިސްޓްރީއެއްގެ ޕާމަނަންޓް ސެކެޓްރީއަކަށް. އެނޫން ގޮތަކަށް އެކަންތައް ހިންގަންޏާމުން އެކަންތައް އެކުރިއަށް ގެންދަނީ ރަނގަޅަކަށް ނޫން،" ފަހުމީ ވިދާޅުވި އެވެ.

ހިއުމަން ރިސޯސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު މިހާދު ޝަރީފު މިއަދު ވިދާޅުވީ އެތަނުގެ އެއްވެސް މުވައްޒަފަކަށް ގޭގައި މަޑުކުރުމަށް އަދި އަންގާފައިނުވާނެ ކަމަށް ކަމަށެވެ.

"ސިފައިން މަސައްކަތް ފެށި ނަމަވެސް މުވައްޒަފުން ގެއަށް ދާކަށެއް އަދި ނުޖެހޭ. އެނޫން މަސައްކަތްތައް ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ހިއުމަން ރިސޯސް މިނިސްޓްރީ އާއި އިމިގްރޭޝަންގެ ބައެއް ކައުންޓަރުތައް ދޮށުގައި ސިފައިން މަސައްކަތް ފެށުމާ އެކު އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މިއަދު ގެއަށް ފޮނުވާލާފައިވެ އެވެ. އެކަމާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓޯލާރު އަބްދުﷲ ޝާހިދާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ސިފައިން ކުރަމުންގެންދާ ތަހްގީގާ ގުޅިގެން އެތަނުގެ ބައެއް މުވައްޒަފުން މިއަދު ގެއަށް ފޮނުވާލި ނަމަވެސް އެމުވައްޒަފުންލައްވާ ވަގުތީ ގޮތުން އެހެން މަސައްކަތެއް ހަވާލުކުރައްވާނެ ކަމަށެވެ.