އިންޑިއާ ސަރުކާރުން އެގައުމުގައި ބޭނުންކުރާ ފައިސާގެ ނޫޓޫތަކުގެ ތެރެއިން 500 ރުޕީސްއާއި 1000 ރުޕީސްގެ ނޫޓުތައް އުވާލުމާ ގުޅިގެން އެގައުމުގައި ރަނުގެ ޑިމާންޑު ދަށްވެއްޖެ އެވެ.

ދުނިގޭ ރަނުގެ މާކެޓުގައި ދެވަނައިގައި އޮންނަ އިންޑިއާގެ ރައްޔިތުން ރަން ގަތް މިންވަރު ދަށްވެ އެއަށް ޑިމާންޑު ދަށްވެފައިވަނީ އެގައުމުގައި ބޭނުން ކުރަމުން އައި ނޫޓުތައް އުވާލުމާ ގުޅިގެންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ އަހަރު ތެރޭގައި ރަނަށް އެގައުމުގައި އޮންނަ ޑިމާންޑު ވަނީ 21 ޕަސެންޓު ދަށަށް ގޮސްފައެވެ.

މީގެ ސަބަބެއް ކަމަށް ވޯލްޑް ގޯލްޑް ކައުންސިލުން ބުނެފައިވަނީ، ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ރަނުގެ ވިޔަފާރި ކުރާ ފަރާތްތައް ރަނގަޅަށް ބަލައި މޮނިޓާ ކޮށްފައި ހުރުމެވެ. އެގޮތުން 2015 ވަނަ އަހަރު އެގައުމުގައި ވިއްކި ރަނުގެ އަދަދު 857.2 ޓަނަށް އެރި އިރު މިދިޔަ އަހަރު ވިއްކި ރަނުގެ އަދަދު ވަނީ 675.5 ޓަނަށް ވެއްޓިފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ރަނުގެ ޑިމާންޑު ދަށްވާން މުޅި އަހަރު ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ލައިގެންފައިވެއެވެ. އެގޮތުން ފައިސާ ގެންގުޅުމާ ގުޅޭ ގޮތުން ސަރުކާރުން ނެރުނު އާ ގަވާއިދުތައްވެސް ރަނުގެ ޑިމާންޑު ދަށްވުމުގެ ސަބަބެއް ކަމަށް ވެއެވެ.

ރަނުގެ ޑިމާންޑު 21 ޕަސެންޓު ދަށްވި އިރު އެގައުމުގައި ޖުވެލަރީ ނުވަތަ ގަހަނާގެ ޑިމާންޑުވެސް ވަނީ 22.4 ޕަސެންޓު ދަށްވެފައެވެ. 2015 ވަނަ އަހަރު އެގައުމުގައި 662.3 ޓަނުގެ ގަހަނާ ވިއްކާފައިވާއިރު މިދިޔަ އަހަރު ވިއްކުނީ 514 ޓަނުގެ ރަނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ނެރުނު ގަވާއިދުތަކާއި ފައިސާގެ ބައެއް ނޫޓުތައް އުވާލުމާ ގުޅިގެން ފައިސާއަށް ރަން ބަދަލު ކުރުމަށް އަންނާނެ މީހުން ގިނަވާނެތީ، ޓެކުހާއި ރެއިޑްތަކުން ސަލާމަތް ވުމަށްޓަކައި އެތައް ވިޔަފާރިވެރިން ވަނީ ގަހަނާ ވިއްކާ ފިހާރަތައް ބަންދުކޮށްފައެވެ. އެއަށްފަހު ފަހުން ތައާރަފްކުރި 500 ރުޕީސްގެ ނޫޓާއި 2000 ރުޕީސްގެ އާ ނޫޓުތައް ހޯދުމަށް އެ ފިހާރަތައް އަލުން ހުޅުވީ ގިނަ ދުވަސްތަކެއް ފަހުންނެވެ.