05 Feb 2017, 16:04
ސްރީލަންކާގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ރައްޔިތުންނަށް ލިބޭ ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) ގާނޫނު ތަންފީޒުކުރަން ފަށައި، ސަރުކާރުގެ އިދާރާތަކުގެ މައުލޫމާތުތައް އާންމުންނަށް ހޯދޭނެ ދޮރުތައް ހުޅުވިއްޖެ އެވެ.
މި ގާނޫނު ސްރީލަންކާގެ ސަރުކާރުން ފާސްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. ފާސްކުރި ގާނޫނު ތަންފީޒުކުރަން ފެށީ އަށް މަސް ފަހުން، 2017 ފެބްރުއަރީ ތިން ވަނަ ދުވަހު އެވެ.
މި ގާނޫނު ތަންފީޒުކުރަން ފެށުމުގެ ތައްޔާރީތައް ސްރީލަންކާގެ ސަރުކާރުން ދިޔައީ، މިދިޔަ އަށް މަސް ދުވަސް ތެރޭގައި ފުރިހަމަ ކުރަމުންނެވެ. އެގޮތުން، ސަރުކާރުގެ ފަރާތުން ދިޔައީ ސްރީލަންކާގެ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި، ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުންގެ އިތުރުން، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކު އެ ގާނޫނަށް ހޭލުންތެރި ކުރުވަމުންނެވެ.
އެ ގާނޫނުގެ ދަށުން މައުލޫމާތަށް އެދެވޭނެ އިދާރާތަކާއި، އެދެވޭނެ މައުލޫމާތުތައް ބަޔާންކޮށް ނެރެން ޖެހޭ ހުރިހާ ގަވައިދަކާއި އުސޫލުތައް މިދިޔަ ހަފްތާއާ ހަމައަށް ލަންކާ ސަރުކަރުން ހަދައި، ފުރިހަމަ ކޮށްފައިވެ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ސްރީލަންކާގެ އާރުޓީއައި މެނޭޖަރު ސަންކިތަ ގުނަރަތުނަ ވިދާޅުވި ގޮތުގައި، ފެބްރުއަރީ ތިނަކުން ފެށިގެން އާންމު ކޮންމެ ރައްޔިތަކު ވެސް ބޭނުންވާ ކޮންމެ މައުލޫމާތެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
ޓްރަންސްޕޭރެންސީ އިން ބުނީ، އާރުޓީއައި ގާނޫނުގެ ދަށުން، ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރު ފަދަ، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި މީހުންގެ މާލީ ބަޔާންތައް ހޯދުމަށް އެ ޖަމިއްޔާ އިން ހުށަހަޅާނެ ކަމަށެވެ.
ސްރީލަންކާގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތަކަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް، އެ ހުށަހެޅުން ލިބޭ އިދާރާއަކުން ގިނަވެގެން 28 ދުވަސް ތެރޭގައި ޖަވާބު ދޭންޖެހެ އެވެ.
ސްރީލަންކާގެ ރައްޔިތުންނަށް ގާނޫނެއްގެ ދަށުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދިނުމަކީ އެ ގައުމުގެ މިހާރުގެ ސަރުކާރުން އެގައުމުގައި ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރުމަށް ކަމަށް ބުނެ، ވި ވަރަށް ބޮޑު ވައުދެކެވެ.