ސިވިލް ސާވިސްގެ މުވައްޒަފުން މޫނު ބުރުގާ އެޅުމަކީ މަނާކަމެއް ކަމަށް ކަނޑައެޅުމަށް ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާ ބާތިލްކުރުމަށް ގާނޫނީ ވަކީލުންތަކަކާއި ދީނީ އިލްމުވެރިންތަކެއް ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ތޭރަ ބޭފުޅަކު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ސިވިލް ސާވިސް ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) އަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ކަމަށް ސިވިލް ސާވިސް ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައި ވާތީ ސިވިލް ސާވިސްގެ ޚިދުމަތްތައް ދިނުމުގައި މޫނު ބުރުގާ އަޅައިގެން އެ ޚިދުމަތްތައް ދިނުމަށް އެ މާއްދާ ހުއްދަ ނުކުރާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނަމުން އަންނަ ކަމަށް އެ މައްސަލާގައިވެ އެވެ.

އެ މާއްދާގައި ބުނެފައި ވަނީ މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ޚިދުމަތަށް ނިކުންނަ މުސްލިމު އަންހެން މުވައްޒަފުންނާ މެދު ސަރުކާރުގެ މުއައްސަސާތަކުން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އެގޮތުން މޫނު ނިވައިކޮށްގެން ވަޒީފާއަށް ނިކުންނާތީ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް މުސްލިމު އަންހެނަކު ބުނެފައިވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

މޫނު ބުރުގާ އެޅުމަކީ އިސްލާމީ ޝަރީޢަތުގައިވާ ކަމެއް ކަމާ މެދު އިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތް ކަމަށާއި އިޚްތިލާފު އުފެދިފައި ވަނީ މޫނު ބުރުގާގެ ހުކުމަކީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯއާ މެދުގައި ކަމަށް ވެސް އެ މައްސަލާގައިވެ އެވެ. ޖުމްހޫރު އިލްމުވެރިން ދެކެވަޑައިގަންނަވަނީ މޫނު ބުރުގާ އެޅުމަކީ މުސްތަޙައްބު ކަމެއްކަމުގައި ކަމަށާއި އަދި އަނެއްބައި އިލްމުވެރިންގެ ދެކެވަޑައިގަންނަވަނީ މޫނު ބުރުގާ އެޅުމަކީ ވާޖިބެއް ކަމުގައި ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.