05 Feb 2017, 18:15
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމުކޮށްގެން މިއަދު ފެށި "ސްޓްރެންތްނިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން - ސްޓްރީމްލައިނިން ފޯ ހަޔާ ޕާފޯމަންސް" ކޮންފަރެންސްގެ ދިރާސާތަކުން ޝަރުއީ ދާއިރާގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނިޒާމެއް ހޯދައި ދެނެގަނެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވިއެވެ.
އެ ކޮންފަރެންސް ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެމަނިކުފާނު އެދޭ އެދުމަކީ ވީ އެންމެ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ހައި ޕާފޯމަންސްގެ ދާއިރާއިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ރޮނގަކުން މައުލޫމާތު އެއްކުރެވޭތޯ ބެލުން ކަމަށެވެ.
"ރާއްޖޭގެ ޝަރުއީ ނިޒާމުގެ ކުރިއަރުވައި ތަރައްގީ ކުރުމުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ޝަރުއީ ދާއިރާގެ އިދާރީ އަދި ފަންނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ޝަރުއީ ދާއިރާގެ މަސައްކަތުގެ ނިޒާމެއްގެ ފެންވަރު މަތިވެރިކުރުމުގެ ނިޒާމެއް ހަރުދަނާކަމާއެކު ގާއިމުކުރުން ހިމެނިފައިވޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނިޒާމުގެ ޒަރިއްޔާއިން ކޯޓުތަކުގެ ޚިދުމަތުގެ ފެންވަރު މަތި ކުރުމާއި އެކަންކަން ގާއިމުކުރުމަކީ މި ޒަމާނުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނިޒާމްތަކުގައި ވަރަށް ޚާއްސަ އަހައްމިއްޔަތެއްދޭ ކަމެއް ކަމަށެވެ.
"މި ނިޒާމްގެ އަސްލު މަގުސަދަކީ ޝަރުއީ ދާއިރާގެ ކޯޓުތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ އަވަސް ކަމާއެކު މަތީ ފެންވަރުގައި ފަސޭހަކަމާއެކު ކުޑަ ހަރަދެއްގައި އަދުލު އިންސާފު ލިބި ދިނުމުގެ ގާބިލިއްޔަތު ކޯޓުތަކުގައި އިތުރުކުރުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، މި މަގުސަދު ހާސިލުކުރުމަށްޓަކައި މުވައްޒަފުންގެ ކިބައިގައި އަމިއްލަ ފަރުދީ ގާބިލުކަން އަށަގެންނެވުމުގެ އިތުރަށް، ޖަމްއީ ރޫޙުގައި އަދި އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙާއި ގާބިލިއްޔަތު އަށަގެންނެވުން ހިމެނެއެވެ. އެގޮތުން، ރާއްޖޭގެ ޝަރުޢީ ނިޒާމް ކުރިއަރުވައި ތަރައްޤީކުރުމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި، ޝަރުއީދާއިރާގެ އިދާރީ އަދި ފަންނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި، ޝަރުއީ ދާއިރާގެ މަސައްކަތުގެ ނިޒާމެއްގެ ފެންވަރު މަތިކުރުމުގެ ނިޒާމެއް ހަރުދަނާކަމާއެކު ގާއިމުކުރުން ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ.