05 Feb 2017, 15:04
ވޮޝިންޓަން (ފެބްރުއަރީ 5): ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އަމުރު ކޯޓުން ހުއްޓުވި މައްސަލަ ސަރުކާރުން އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައިގަންނަން ކޯޓުން ދެކޮޅު ހަދައިފި އެވެ.
ސެން ފްރެންސިސްކޯގައި ހުންނަ އިސްތިއުނާފު ކޯޓުން މައްސަލަ ބަލައިގަންނަން ދެކޮޅު ހެދުމުން އެމެރިކާ އަށް ދިޔުން މަނާ ކުރި ހަތް ގައުމުގެ ރައްޔިތުންނަށް އެގައުމުން ވިސާއަށް އެދެވޭނެ އެވެ. އަދި ސަރުކާރަށް ދެން މައްސަލަ އިސްތިއުނާފު ކުރެވޭނީ މާދަމަ އެވެ.
ވޮޝިންޓަންގެ ފެޑެރަލް ޖަޖް ޖޭމްސް ރޮބާޓްގެ ނިންމެވުން ބަދަލު ކުރުމަށް އެދި މައްސަލަ އިސްތިއުނާފު ކުރަމުން އެމެރިކާ ސަރުކާރުން ވަނީ ރައީސް ޓްރަމްޕްގެ އަމުރަކީ އެމެރިކާ ރައްޔިތުން ރައްކާތެރި ކުރުމަށް ނެރުނު އަމުރެއް ކަމަށް ބުނެފަ އެވެ.
ސީރިއާ، އިރާން، އިރާގު، ލީބިއާ، ސޫދާން، ސޯމާލިއާ އަދި ޔަމަނުގެ ރައްޔިތުން އެމެރިކާ އަށް ދިޔުން ވަގުތީ ގޮތުން މަނާ ކުރުމަށް ޓްރަމްޕު ކުރެއްވި އަމުރަކީ ދީނީ ތަފާތު ކުރުމުގެ މައްޗަށް ބިނާކޮށްފައިވާ އަމުރަކަށް ވުމުން އެއީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ބުނެ އެ އަމުރު ހުއްޓުވުމަށް އެދި އެ މައްސަލަ ކޯޓަށް ހުށަހެޅީ ވޮޝިންޓަން ސްޓޭޓާއި މިނިސޯޓާ އިންނެވެ. (އަލްޖަޒީރާ)