ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ގައުމީ އޯކެސްޓްރާ ގްރޫޕުގެ ހަރަކާތްތަކާއެކު ރާއްޖޭގައި ބާއްވާ ކޮންސެޓް އަންނަ އަންގާރަ ދުވަހުގެރޭ އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޗައިނާ އެމްބަސީއާއި ނޭޝަނަލް ސެންޓަ ފޯ ދި އާރޓްސް (އެންސީއޭ) ގުޅިގެން ބާއްވާ އެ ކޮންސެޓާ ބެހޭގޮތުން ޔޫތު މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އެފަދަ އޯކެސްޓްރާއެއް ގެނެސްގެން ރާއްޖޭގެ ރައްޔިތުންނަށް ޗައިނާގެ ހުނަރު އަދި ޗައިނާގެ އޮކެސްޓްރާ ދައްކާލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ދެކޭ ކަމަށެވެ.

"ދިވެހިރާއްޖޭގައި އެފަދަ މިއުޒިޝަނުން ގުޅުވައިދީ، އަޅުގަނޑުމެންނަށް ޑެވެލޮޕްކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން. ދިވެހިރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް އޮލިމްޕަހުގައި 7 ފެބްރުއަރީގައި ބާއްވާ ކޮންސެޓަށް ދައުވަތު އަރުވަން،" ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާގެ އެމްބެސެޑަރު ވަންގް ފު ކާންގް ވިދާޅުވީ، ކޮންސެޓުގައި ހަރަކާތްތައް ދައްކުވައިދޭ ޗައިނާ ނޭޝަނަލް ސިމްފަނީ އޯކެސްޓްރާއަކީ އެގައުމުގެ އެންމެ މޮޅު އޯކެސްޓްރާ ގްރޫޕް ކަމަށާއި އެ ގްރޫޕުން ގިނަ އަދަދެއްގެ ގައުމުތަކަށް ޒިޔާރަތްކޮށް ހަރަކާތްތައް ދައްކުވައިދީފައިވާ ކަމަށެވެ.

"މި އޯކެސްޓްރާ ގްރޫޕާއި އެހެން ގައުމުތަކުގެ އޯކެސްޓްރާ ގްރޫޕްތަކާ ގާތް ގުޅުމެއް ވަނީ އުފެދިފައި. މި ދުވަސްވަރަކީ ޗައިނީޒް ސްޕްރިންގް ފެސްޓިވަލް ވެސް ކުރިއަށްދާ ދުވަސްވަރު. މިއީ ޗައިނީޒް ނިއު އިޔާގެ ވެސް މުނާސަބަތާ ގުޅުވައިގެން ބާއްވާ ކޮންސެޓެއް. އަހަރެމެން އުންމީދުކުރަނީ އެ ދުވަހުގެ ހަރަކާތްތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ޝައުގުވެރިވާނެފަދަ ހަރަކާތްތަކެއް ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ދުވަސްވީ އޯކެސްޓްރާ ގްރޫޕެއް ކަމަށްވާ ޗައިނާ ނޭޝަނަލް ސިމްފަނީ އޯކެސްޓްރާ ގްރޫޕުގެ 26 މިއުޒިޝަނުން އެ ކޮންސެޓްގައި ހަރަކާތްތެރިވާނެއެވެ. ކޮންސެޓަށް އާންމުންނަށް ހިލޭ ވަނުން ހުޅުވާލާފައިވާއިރު، ކޮންސެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެރޭ 8:30ގައެވެ.