05 Feb 2017, 14:18
ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެކަށީގެންވާ ނަރުދަމާގެ ނިޒާމްގެ ހިިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ފ. ބިލެއްދޫ، ރ. އިންނަމާދޫގެ އިތުރުން ށ. ފީވަށް އަދި ގދ. މަޑަވެލީގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކުރުމަށް ފެނަކައާ ހަވާލުކުރީ 2.1 މިލިއަން ދިވެހި ރުފިޔާއަށެވެ. އަދި މިއީ ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ޑިޒައިން ކުރުމަށް ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ
ހަތަރު ރަށެއްގައި ގާއިމް ކުރާ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިން ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިއަދު ހަވާލުކުރި މަޝްރޫއުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައި ވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.