ވަގު ޑޮކިއުމެންޓްތަކެއް ބޭނުންކޮށްގެން ބިދޭސީން އެތެރެކުރަން އުޅުނު ބަޔަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ވަގު ޑޮކިއުމެންޓްތައް ބޭނުންކޮށްގެން ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ބިދޭސީންނާއި ދިވެހިން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމާއި އެމީހުންގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި، އެ ހައްޔަރު ކުރި މީހުންނާއި އިމިގްރޭޝަނާއި ހިއުމަން ރިސޯސްގެ ކަންތައްތައް ބެލުމަށް ފުލުހުން ގެންދާ އޮޕަރޭޝަނާ ސީދާ ގުޅުމެއް ނެތެވެ. ނަމަވެސް، ބިދޭސީންގެ ކަންކަމާ ގުޅޭ ބޮޑެތި މައްސަލަތަކެއް ބަލަމުންދާތީ "ތަހުގީ ކުރިއަށްދާ ވަރަކަށް" މައުލޫމާތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި ދައްކާފައިވާ ގިނަ ފައިސާތަކަކަށް ހިޔާނާތްތެރިވި މުވައްޒަފެއްގެ މައްސަލަ ވެސް ދާދި ފަހުން ފެންމަތިވެފައިވެ އެވެ. އޮޅުވާލައިގެން އެ ފައިސާ ނެގި ކަމުގެ ތުހުމަތުގައި އޭނާ ފުލުހުން ހައްޔަރުކުރި ކަމަށް އިމިގްރޭޝަނުން ކުރިން ބުނެފައިވެ އެވެ.

ނަމަވެސް، އެކަމާ ބެހޭ އިތުރު ތަފްސީލެއް ވެސް ނުލިބެ އެވެ.

އިމިގްރޭޝަނާއި ހިއުމަން ރިސޯސް ތެރެއިން ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިންގައިފައިވޭތޯ ބެލުމަށް ސަރުކާރުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ.