ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް ބޭންކިންގް ޚިދުމަތް، ފުވައްމުލަކު ސިޓީގައި ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ، ފުވައްމުލަކު ސިޓީގައި އެ ބޭންކުގެ ސެލްފް ސާވިސް ބޭންކިންގް ސެންޓަރެއް ގާއިމުކުރީ، ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ފެށި "އަހަރެންގެ ބޭންކް" ހަރަކާތުގެ ދަށުން ކަމަށެވެ.

ބީއެމްއެލްގެ ފުވައްމުލަކު ބްރާންޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފުވައްމުލަކު ސިޓީގެ ބީއެމްއެލް ސެލްފް ސާވިސް ބޭންކިންގް ޚިދުމަތް އިފްތިތާހު ކޮށްދެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ވިދާޅުވީ، ފުވައްމުލަކު ސިޓީއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ އިރު، ވިޔަފާރިވެރިންނާއި އާންމުންގެ ބޭނުންތައް ފުއްދުމަށް ބޭންކުގެ މިފަދަ ޚިދުމަތްތައް ފުޅާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މި އާ ސެލްފް ސަވިސް ބޭންކިންގް ސެންޓަރާ އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުން ކޮންމެ ވަގުތެއްގައި ފަސޭހަކަމާ އެކު ބޭންކިންގެ ޚިދުމަތްތައް ހޯދޭނެ،" ޝަރީފް ވިދާޅުވި އެވެ.

ފުވައްމުލަކު ސިޓީގައި ގާއިމުކުރި ސެލްފް ސާވިސް ބޭންކިންގް މެޝިނުން ފައިސާ ނެގުމުގެ އިތުރުން ފައިސާ އާއި ޗެކު ޖަމާކުރުމާއި، ފައިސާ ޓްރަންސްފާކުރުމުގެ ޚިދުމަތް، 24 ގަޑިއިރު ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

ފުވައްމުލަކުގައި ހުޅުވި ސެލްފް ސާވިސް ބޭންކިންގް ސެންޓަރަކީ، ބީއެމްއެލްއިން ރާއްޖޭގައި ހުޅުވި 20 ވަނަ ސެލްފް ސާވިސް ބޭންކިންގް ސެންޓަރެވެ.