ދުނިޔޭގެ ނިސްބަތުން ވިޔަފާރި ކުރަން އެންމެ ފަސޭހަ 50 ގައުމުގެ ތެރޭގައި ރާއްޖެ ހިމަނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެެކޮނަމިކް މޮނިސްޓްރީ އިން ބުނެފި އެވެ.

ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބަލައި އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން ނެރޭ އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި މި އަހަރު ރާއްޖެ ވަނީ ހަ ދަރަޖަ ފަހަތަށް ގޮސްފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ނެރުނު މި އަހަރުގެ އަދަދުގައި ރާއްޖެ އަށް ލިބިފައި ވަނީ 135 ވަނަ އެވެ. އެއީ މިދިޔަ އަހަރު ލިބުނީ 129 އެވެ.

ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމުގައި ހުރި ދަތިތައް ހައްލުކޮށް، ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކުރުމަށް 2015 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނެޝަނަލް ޓްރޭޑް ފެސިލިޓޭޝަން ކޮމިޓީ އިން ރާއްޖޭގެ ލޯފާމްތަކާ ގުޅިގެން މިއަދު ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފަ އެވެ.

އެ ކޮމިޓީން މިއަދު ލޯފާމްތަކާ އެކު ކުރަމުން އަންނަ މަޝްވަރާގެ މައިގަނޑު ބޭނުމަކީ ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް ރޭންކިން ރަނގަޅު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ލޯފާމްތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ލޯފާމްތަކާ އެކު މަޝްވަރާ ބައްދަލުވުމުން ކުރިއަށްދާ އިރު މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ފެށި އެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް ރޭންކިން ރަނގަޅުކުރުމަށާއި ވޯލްޑް ބޭންކުން ހަދާފައިވާ ރިފޯމް މެމޮރެންޑަމްގައި ރަނގަޅުކުރުމަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް އަމަލީ ސިފައެއް ގެނެސް، އެކަންކަން ކުރުމަށް ޓަކައި ސަރުކާރުގެ މުހިންމު ވުޒާރާތަކާއި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ހާއްސަކޮށް މި އަހަރުގެ ޝިއާރު ކަމުގައިވާ "އިގްތިސާދީ ފުދުންތެރިކަން – އިޖުތިމާއީ ހަމަޖެހުން" މި ޝިއާރާ ގުޅުވައިގެން އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ޓަކައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ލޯފާމްތަކާ އެކު މަޝްވަރާ ބައްދަލުވުމުން ކުރިއަށްދާ އިރު މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"މިއަހަރު ސަރުކާރުން އެބަ ބޭނުންވޭ ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް ރޭންކިންގައި ރާއްޖޭގެ ރޭންކިން މަތިކުރަން. އަޅުގަނޑުމެންގެ އަމާޒަކީ އެ ރޭންކިންގައި ދުނިޔޭގައި އެންމެ ކުރީގައި އުޅޭ 50 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތާގައި މީޑިއާގެ ފަރާތްތަކާއި އެކި އެސޯސިއޭޝަންތަކާ އަދި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު އެ އަމާޒަށް ވާސިލްވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.