05 Feb 2017, 11:30
މެނީލާ (ފެބްރުއަރީ 5): ފިލިޕީންސްގެ ސަރުކާރާ އިދިކޮޅު ނިއު ޕީޕަލްސް އާމީ (އެންޕީއޭ)އާ އެކު މި މަހުގެ ފަހުކޮޅު ބާއްވަން ހަމަޖައްސާފައި އޮތް ސުލްހައިގެ ވާހަކަތައް ބޭއްވެން ނެތް ކަމަށް އެ ގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޑުޓާޓޭ ވިދާޅުވި ގޮތުގައި ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ޝަރުތުތަކުގެ ތެރެއިން 400 ގައިދީން މިނިވަން ކުރުމަށް ކުރި ޝަރުތަކީ ސަރުކާރަށް ގަބޫލު ކުރެވޭ ވަރަށް ވުރެ މާބޮޑު ޝަރުތެކެވެ.
އެންޕީއޭއިން އެޝަރުތު ހުށަހެޅީ ދެ ފަރާތުގެ މެދުގައި ސުލްހައިގެ މަޝްވަރާތައް ބޭއްވުމާ ބެހޭ ގޮތުން މިދިޔަ ހަފްތާ ތެރޭގައި އިޓަލީގައި ބޭއްވި ވާހަކަތަކުގަ އެވެ. ސުހްލައިގެ ވާހަކަތައް ދެން ބާއްވަން ހަމަޖައްސާފައި އޮތީ ނޯވޭގަ އެވެ.
"ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން އަޅުގަނޑު ތައްޔާރެއް ނޫން. އަޅުގަނޑު އެތައް ކަމެއް ކޮށްފިން. ސުލްހައިގެ ވާހަކަތަކުގައި ބައިވެރި ކުރުމަށްޓަކައި އެމީހުންގެ ލީޑަރުން ޖަލުން މިނިވަން ކުރިން،" ޑުޓާޓޭ ވިދާޅުވި އެވެ.
އަދި މިހާރު ސުލްހައިގެ ވާހަކަތައް ނުބާއްވަން ނިންމުމުން ފިލިޕީންސްގެ ޖަލުން މިނިވަން ކުރި ގައިދީން އަނެއްކާވެސް ޖަލަށް ދާން ޖެހޭނެ ކަމަށް ޑުޓާޓޭ ވިދާޅުވި އެވެ.
ސުލްހައިގެ ވާހަކަތައް ނުބާއްވަން ސަރުކާރުން ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.
މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޑުޓާޓޭ ވަނީ އިދިކޮޅު ފަރާތްތަކާއެކު ސުލްހަ ގާއިމު ކުރުމަށް މަސައްކަތް ކުރައްވާފަ އެވެ. އަދި އިދިކޮޅު ފަރާތްތަކާއެކު ސުލްހައިގެ ވާހަކަތައް ދެފަހަރެއްގެ މަތިން ބާއްވާފަ އެވެ.
ފިލިޕީންސް ސަރުކާރާއެކު ސުލްހައިގެ އެއްބަސްވުމެއް ހެދި ނަމަވެސް ހަތިޔާރު ހަވާލު ނުކުރާނެ ކަމަށް ބުނެފައިވާ އެންޕީއޭ އިން ވަނީ ފިލިޕީންސް އަސްކަރިއްޔާއިން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަމުގައި، އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އަދި ހަމަލާ ބަދަލު ކުރުމުގެ އެއްބަސްވުުމުގައި ހިމެނޭ ސަރަހައްދުތަކުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާ ފިލިޕީންސުގައި ހަރަކާތެރި ވުމަކީ އެންޕީއޭއިން ދެކޮޅު ހަދާ ކަމެކެވެ. އަދި މީގެ ކުރިން އެ ޖަމާއަތުން ވަނީ ފިލިޕީންސްގައި ތިބި އެމެރިކާ ސިފައިން މަރާފަ އެވެ. (ބީބީސީ)