އެމްޓީސީސީގެ ހިއްސާގެ މޫނުމަތީ އަގު، 50 ރުފިޔާއިން ފަސް ރުފިޔާއަށް ކޮށް، އިތުރު ހިއްސާ ވިއްކަން އެކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

އެމްޓީސީސީގެ ބޯޑުން ނިންމާފައިވަނީ އެކުންފުނީގެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ކުޑަކުރާށެވެ. އަދި ކުންފުނީގެ އިތުރު ހިއްސާ، ހިއްސާދާރުންނަށް ވިއްކައި، އަދި އެއަށް ފަހު އާންމުންނަށް ވެސް ހިއްސާ ވިއްކަން ޖެހިއްޖެ ނަމަ އެކަން ކުރާށެވެ.

އެމްޓީސީސީ އިން ބުނީ އެކުންފުނީގެ ބޯޑުން ނިންމި ނިންމުންތައް ތަންފީޒުކުރެވޭނީ އެކުންފުނީގެ ހިއްސާދާރުންގެ ގަރާރަކުން ފާސްވެގެން ކަމަށެވެ. އެހެންކަމުން، މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި އެކަމަށް ޚާއްސަކޮށް ބާއްވާ، ހިއްސާދާރުންގެ އާންމު ޖަލްސާއެއް ބޭއްވުމަށް އެމްޓީސީސީ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިއްސާގެ މޫނުމަތީ އަގު ބަދަލުކުރުން

އެމްޓީސީސީގެ ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގަކީ 50 ރުފިޔާއެވެ. ނަމަވެސް އެ ކުންފުނީގެ ބޯޑުން ނިންމީ ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު، ފަސް ރުފިޔާއަށް ކުރާށެވެ. ހިއްސާދާރުންގެ ބައްދަލުވުން ބާއްވައި، މިގޮތަށް ކަންތައް ކުރުމަށް ހިއްސާދާރުންގެ ރުހުން ލިބިއްޖެ ނަމަ، މިވަގުތު އެމްޓީސީސީގެ ހިއްސާ އޮތް ހިއްސާދާރެއްގެ އެއް ހިއްސާއަކީ 10 ހިއްސާއަށް ބަދަލުވާނެއެވެ.

އިތުރު ހިއްސާ ވިއްކަނީ!

އެމްޓީސީސީގެ ބޯޑުން ނިންމި ދެވަނަ ނިންމުމަކީ އެ ކުންފުނީގެ އިތުރު ހިއްސާ ވިއްކަން ނިންމުމެވެ. އެމްޓީސީސީއިން ބުނީ، އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ރައިޓްސް އިޝޫކުރުމަށް ކަމަށެވެ.

ރައިޓްސް އިޝޫކުރުމަކީ، ކުންފުނިން ދެ ވަނަ ފަހަރަށް ހިއްސާ ވިއްކުމަށް ހުޅުވާލާ އިރު، ޚާއްސަ ޑިސްކައުންޓް އަގެއްގައި ހިއްސާ ގަތުމަށް ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަށް ދައުވަތު ދިނުމެވެ. އެމްޓީސީސީގެ ބޯޑުން ނިންމާފައިވާ ޚާއްސަ އަގަކީ 62 ރުފިޔާއެވެ.

ރައިޓްސް އިޝޫކުރުމުގެ މުއްދަތުގެ ތެރޭގައި، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހިއްސާ ގަތުމަށް ނުވަތަ ހިއްސާގެ ބާޒާރު މެދުވެރިކޮށް އެހެން މީހަކަށް ހިއްސާ ޓްރޭޑް ކުރުމަށް ހުށަހަޅަން ޖެހެއެވެ.

ނުވިކޭ ހިއްސާތައް އާންމުންނަށް ވިއްކުމަށް ހުށަހަޅާނެ

އެމްޓީސީސީން ބުނީ، ރައިޓްސް އިޝޫކުރުމުގެ މުއްދަތުގައި، ނުގަންނަ ހިއްސާ، އަދި ހިއްސާގެ ބާޒާރު މެދުވެރިކޮށް ޓްރޭޑް ކޮށްފައި ނުވާ ހިއްސާތައް އާންމުންނަށް ވިއްކުމަށް ހުޅުވާލެވޭނެ ކަމަށެވެ. ނަމަވެސް މި ހުޅުވާލުމުގައި ހިއްސާ ވިއްކާނީ ހިއްސާގެ އަސްލު އަގު، 112 ރުފިޔާއަށެވެ.

ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހިންގަމުން ގެންދާ އެމްޓީސީސީގެ ޗެއާމަން އަހްމަދު ނިޔާޒު ވިދާޅުވީ މިއީ ކުންފުނީގެ ބޯޑުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި، މިކަމުން ދޭހަވަނީ ހިއްސާދާރުންނަށް އަހައްމިއްޔަތުކަން ދީ، ކުންފުނީގެ މަސައްކަތްތައް ފުޅާކޮށްގެން، ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި ދެމިއޮތުމުގެ އަމާޒު ކަމަށެވެ.

އެމްޓީސީސީގެ ބޯޑުގެ ނިންމުންތަކާ ގުޅިގެން، ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ މިއީ އެމްޓީސީސީގެ ހިއްސާދާރުންނަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.