05 Feb 2017, 10:45
ބޮލީވުޑުގެ އެކްޓަރު ސަންޖޭ ދަތުގެ ގޭގައި ރޭގަނޑު ބާރަށް ލަވަ ޖަހާ، އަޑުގަދަ ކުރާތީ، ކައިރި ގެތަކުގައި ދިރިއުޅޭ މީހުން ރުޅިގަދަވެއްޖެ އެވެ.
މި އަހަރު ފެށުނު ފަހުން ވެސް، ދެ ރެއަކު ސަންޖޭ ދަތުގެ ގޭގައި އަޑުގަދަ ކުރާތީ ފުލުހުން ވަނީ އައިސްފަ އެވެ.
ފުރަތަމަ ފުލުހުން އައިސްފައި ވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރެޔެވެ. އެ ރޭ ފުލުހުން އައިސް އަޑު ގަދަ ނުކުރުމަށް ސަންޖޭ ދަތަށް އަންގާފައި ވަނިކޮށް އަނެއްކާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް މިވަނީ އެ ގެޔަށް ފުލުހުން އައިސްފަ އެވެ.
ސަންޖޭ ދަތުގެ އަވައްޓެރިޔަކު ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ސަންޖޭގެ ގޭގެ ޓެރެސްގައި ޕާޓީއެއް އޮތް ކަމަށާއި އަޑު ގަދަކަމުން ނިދޭ ވަރު ވެސް ނުވި ކަމަށެވެ. ދޭއް ޖެހި އިރު ވެސް އެ ގެއިން ލަވަޔާއި ހަޅޭކުގެ އަޑު ކަނޑައިގެން ނުދާ ކަމަށްވެ އެވެ.
"އިމާރާތުގައި ހުންނަ ކޮންޓްރޯލް ރޫމަށް ގުޅައި ޝަކުވާ ކުރިން ދެ ފަހަރަކު. އެމީހުން ބުނަނީ މި ބަލަނީ އޭ. އެކަމަކު އަޑު މަޑެއް ނުވި. އެންމެ ފަހުން އަހަރެން އަމިއްލަޔަށް ފުލުހުންނަށް ގުޅީ. ފުލުހުން އައުމަށް ފަހު އަޑު ކެނޑުނީ،" އޭނާ ބުންޏެވެ.
އަވައްޓެރިންނަށް ވެދާނެ އުނދަގުލަކަށް ސަންޖޭ ދަތު ނުވިސްނާ ކަމަށާއި މީގެ ކުރިން ވެސް އަޑުގަދަ ނުކުރުމަށް ލިޔުމުން އަންގާފައިވީ ނަމަވެސް ސަންޖޭ ދަތުގެ ފަރާތުން އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
އަދި އިމާރާތުގައި ދިރިއުޅޭ މީހުންގެ އަހަރީ ބައްދަލުވުމުގައި ސަންޖޭ ދަތުގެ މައްސަލަ ހުށަހަޅައި، އޭނާ އާމެދު ފިޔަވަޅު އަޅަން އެންގުމަށް ވެސް އަވައްޓެރިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.