މީގެ 12 އަހަރު ކުރިން، 2005 ވަނަ އަހަރު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ ހިޓް ފިލްމު 'ބްލެކް' ކުޅެދިނުމަށް އެއްވެސް އަގެއް ނަގާފައި ނުވާނެ ކަމަށް، ފިލްމުގެ ލީޑު އެކްޓަރު، މެގަސްޓާ އަމީތާބް ބައްޗަން ބުނެފި އެވެ.

'ބްލެކް' އަށް 12 އަހަރު ފުރުން ފާހަގަ ކުރަމުން އަމީތާބު ބުނީ، އެ ފިލްމު ކުޅެދިނުމަށް އެއްވެސް އަގެއް ނަގާފައި ނުވަނީ އެހާ ތަފާތު މޮޅު ފިލްމެއްގައި، އަދި އެހާމެ ކުޅަދާނަ ޑައިރެކްޓަރަކާ އެކު މަސައްކަތް ކޮށްލަން ލިބުމަކީ އަގު ނުކުރެވޭ ވަރުގެ ބޮޑު ކަމަކަށް ވާތީ ކަމަށެވެ.

"އަހަރެން އެއްވެސް ފީ އެއް ނުނެގީ، އެ ފިލްމުގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުމަށް ވުރެ ބޮޑު 'އަގެއް' ނުދެވޭނެތީ،" އަމީތާބު ބުންޏެވެ.

އެ ފިލްމުގައި އަމީތާބުގެ އިތުރުން ދެން ފެނިގެން ދަނީ ރާނީ މުކަރްޖީ އެވެ. ރާނީ 'ބްލެކް'ގައި އަދާކޮށްފައި ވަނީ އިވުމާއި ފެނުމުން މަހްރޫމް ވެފައިވާ ކުއްޖެއްގެ ރޯލެވެ. އަމީތާބް އަކީ ރާނީގެ ޓީޗަރެވެ. ފަހުން އަމީތާބް އަށް ވެސް ހަނދާން ނެތޭ ބަލި ޖެހެ އެވެ.

ފިލްމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އަމީތާބް ބުނީ، ފިލްމުގެ ސެޓުގައި އަލިފާނުގެ ހާދިސާ އެއް ހިނގައި މުޅި ސެޓު އެކީގައި ހަލާކުވި ކަމަށާއި، އަލުން ހުރިހާ ސީން އެއް ނަގަން ވެސް ރާނީ އާއި ދެމީހުން ތިބީ ތައްޔާރަށް ކަމަށެވެ.

އެ ފިލްމުން އަމީތާބަށް ވަނީ އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑު ވެސް ލިބިފަ އެވެ.

އަމީތާބް ވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށް ވާހަކަދައްކައިފަ އެވެ.