ޑެންމާކުގެ އަލްބޯގަށް ކުޅޭ ކޮސްޓަރިކާގެ ބައިނަލް އަޤުވާމީ ޑިފެންޑަރު ޑެނިސް މާޝަލް 25، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ކާރު އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ލޯބިވެރިޔާ މެލިން މެސިސް ކާސްޓްރޯ އާއެކު ގެޔަށްދިޔަ މަގުމަތީގައި ކާރު، ޓްރަކެއްގައި ޖެހިގެނެވެ. އެމީހުން ދަތުރުކުރީ މާޝަލްގެ ކާފަގެ ޖަނާޒާގައި ބައިވެރިވުމަށްފަހު އެނބުރި ގެޔަށްދިޔުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓްތަކުގައި ބުނެފައި ވަނީ، މި އެކުސިޑެންޓްގައި އޭނާގެ ލޯބިވެރިޔާވެސް މެލިން ވެސް ވަނީ އެކްސިޑެންޓްގައި މަރުވެފަ އެވެ. ރެސްކިއު ޓީމްތަކަށް އެހިސާބަށް ދެވުނުއިރ ުވެސް ދެ މީހުން މަރުވެފައި ކަމަށް ރިޕޯޓް ތަކުން ބުނެއެވެ.

މާޝަލް މަރުވީ ޤައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިންތާ ފަސް ދުވަސް ފަހުންނެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ކޮންކާކަފް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ހޮންޑިއުރަސް ކޮޅަށެވެ. މިމެޗު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ކޮސްޓަރިކާވަނީ ބަލިވެ މުބާރާތުން ކަޓާފައެވެ.

ގޯލްޑް ކަޕަށްފަހު މާޝަލް އޭނާގެ ކުލަބާ ގުޅުމަށްޓަކައި ޖުލައި ތިން ވަނަ ދުވަހު ޑެންމާކަށް ދިޔުމަށްވަނީ ހަމަޖައްސާފަ އެވެ.