05 Feb 2017, 10:06
ވޮޝިންޓަން (ފެބްރުއަރީ 5): ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އަމުރު ކޯޓުން ހުއްޓުވުމާ ގުޅިގެން ޖަސްޓިސް ޑިޕާޓްމެންޓުން އެ މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
ވޮޝިންޓަންގެ ފެޑެރަލް ޖަޖް ޖޭމްސް ރޮބާޓްގެ ނިންމެވުން ބަދަލު ކުރުމަށް އެދި މައްސަލަ އިސްތިއުނާފު ކުރަމުން އެމެރިކާ ސަރުކާރުން ވަނީ ރައީސް ޓްރަމްޕްގެ އަމުރަކީ އެމެރިކާ ރައްޔިތުން ރައްކާތެރި ކުރުމަށް ނެރުނު އަމުރެއް ކަމަށް ބުނެފަ އެވެ.
އަދި ރައީސް ޓްރަމްޕް ވަނީ ޓުވިޓާ މެދުވެރިކޮށް ފަނޑިޔާރު ޖޭމްސްއަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެނިންމުމުގެ ސަބަބުން އެމެރިކާއަށް ހެޔޮނޭދޭ ވަރަށް ގިނަ މީހުން އެގައުމަށް ހިނގައިދާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ އަމުރަކީ ދީނީ ތަފާތު ކުރުމުގެ މައްޗަށް ބިނާކޮށްފައިވާ އަމުރަކަށް ވުމުން އެއީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ބުނެ އެ އަމުރު ހުއްޓުވުމަށް އެދި އެ މައްސަލަ ކޯޓަށް ހުށަހެޅީ ވޮޝިންޓަން ސްޓޭޓާއި މިނިސޯޓާ އިންނެވެ.
އަދި ކޯޓުގެ ނިންމުމަށް އެމެރިކާގެ ހުރިހާ ސްޓޭޓަކުން އަމުލު ކުރަން ޖެހޭ އިރު، ކޯޓުގެ ނިންމުން ބަދަލު ނުކުރާހާ ހިނދެއްގައި ސީރިއާ، އިރާން، އިރާގު، ލީބިއާ، ސޫދާން، ސޯމާލިއާ އަދި ޔަމަނުގެ ރައްޔިތުންނަށް އެމެރިކާ އިން ވިސާ އަށް އެދެވޭނެ އެވެ. އެހެންކަމުން އެމެރިކާ އަށް ދިޔުން މަނާކޮށްފައިވާ ގައުމުތަކުގެ ރައްޔިތުން ދަނީ ވީހާ ވެސް އަވަހަކަށް އެމެރިކާ އަށް ދެވެން އޮތް ފްލައިޓަކުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. (ބީބީސީ)