ދެހާސް ތޭރަ ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ރާމަޔާ ވަސްތަވައްޔާ' އިން ބޮލީވުޑަށް ތައާރަފުވި ގިރިޝް ކުމާރު ކައިވެނި ކޮށްގެން އުޅޭ ކަމަށް އެއްބަސްވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ މުމްބާއީ މިރާއާ ވާހަކަ ދައްކަމުން ގިރިޝް ބުނީ މި މަހުގެ 11 ވަނަ ދުވަހު ކައިވެންޏަށް އެއް އަހަރު ފުރޭނެ ކަމަށެވެ. އަދި އެއް އަހަރު ވަންދެން ކައިވެނި ސިއްރު ކުރީ، ކައިވެނީގެ ސަބަބުން ކެރިއަރަށް އަސަރު ކުރަން ބޭނުން ނުވާތީ ކަމަށެވެ.

ގިރިޝް ކައިވެނި ކޮށްފައި ވަނީ އޭނާގެ ސްކޫލު ދައުރުގެ ލޯބިވެރިޔާ ކްރިސްނާ އާއެވެ. ދެ މީހުން ކައިވެނި ކޮށްފައި ވަނީ 15 ވަރަކަށް އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު އެވެ.

"ދެމީހުންނަކީ ކުޑައިރުގެ އެކުވެރިއެއް އަދި ސްކޫލުގައި ވެސް ދެމީހުން އުޅުނީ އެއްކޮށް. ޓީނޭޖްގައި ދެ މީހުން ޑޭޓް ކުރަން ފެށީ، 2007 ވަނަ އަހަރު ވިސްނުނީ މިއީ ސީރިއަސް ކަމެއް ކަން،" ގިރިޝް ބުނެފައިވެ އެވެ.

ގިރިޝް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ލަވްޝުއްދާ' އިންނެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ބައްޕަ، އަދި ޕްރޮޑިއުސަރު ކުމާރު ތައުރާނީ އާއެކު ފިލްމެއްގެ މިއުޒިކް ތައްޔާރު ކުރުމަށެވެ.

މިހާރު ވެސް ރަނގަޅު ސްކްރިޕްޓެއް ލިބެއްޖެނަމަ އެއްބަސްވާނެ ކަމަށާއި، ފޯކަސް ހުރީ އެކްޓު ކުރުމަށް ކަމަށް ގިރިޝް ބުންޏެވެ.