05 Feb 2017, 10:17
ވައިޓް ހައުސް (ފެބްރުއަރީ 5) : ޓެރަރިޒަމްގެ ބަހަނާގައި އެމެރިކާ ހައްޔަރުކުރާ މީހުންގެ ކިބައިން ގަދަބާރުން އިޢްތިރާފްތައް ހޯދުމަށް ޓަކައި އެމީހުންނާ ދެކޮޅަށް އެމެރިކާ އިން ކުރިން ހިންގި ލާއިންސާނީ އަމަލުތައް ހިންގަން އަލުން ފެށުމުގެ ވިސްނުން އެމެރިކާ އިން ދޫކޮށްލައިފި އެވެ.
އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ ނިޔުޔޯކް ޓައިމްސް ބުނި ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ދުވަސްވަރު ޓެރިޒަމްގެ ތުހުމަތުގައި ހައްޔަކުރި މީހުންގެ ކިބައިން ބޭނުންވާ އިއުތިރާފްތައް ހޯދުމަށް ޓަކައި ސީއައިއޭ އިން ކުރިޔަށްގެން ދިޔަ އަމަލުތައް އަލުން ފެށުމާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ވިސްނުން ދޫކޮށްލެއްވުމަށް އޭނާ މިހާރު ނިންމަވާފައިވާ ކަމުގަ އެވެ.
ވައިޓް ހައުސްގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ ނިޔުޔޯކް ޓައިމްސް ހާމަކުރި ގޮތުގައި މި އަމަލުތައް އަލުން ފެށުމަށް ޓަކައި ދުނިޔޭގެ ބައެއް ގައުމުތަކުގައި އެމެރިކާގެ ސިއްރު ޖަލުތަކެއް އަލުން ހެދުމަށް ހުއްދަދޭ ރިޔާސީ ބަޔާނެއްގެ ދެލިކޮޕީ ޓްރަމްޕްގެ އަމުރުފުޅަށް ތައްޔާރުކުރަމުން ގެންދިޔަ ނަމަވެސް އެ ދެލިކޮޕީގެ ކަންތައް ދެން ކުރިޔަށް ނުގެންދިޔުމަށާއި އެވިސްނުން ދޫކޮށްލެއްވުމަށް ޓްރަމްޕް އިއްޔެ އަމުރުކުރައްވާފައިވާ ކަމުގަ އެވެ. ނަމަވެސް ޓްރަމްޕް އޭނާގެ ހަރުކަށި ވިސްނުން ދޫކޮށްލެއްވި ސަބަބު ވައިޓްހައުސްގެ މަސްއޫލުވެރިޔާ ހާމައެއް ނުކުރައްވަ އެވެ.
ޓްރަމްޕްގެ މިވިސްނުން ދޫކޮށްލެއްވީ ޓެރަރިޒަމްގެ ބަހަނާގައި އެމެރިކާ އިން ހައްޔަރުކުރާ މީހުންގެ ކިބައިން ގަދަބާރުން އިޢްތިރާފްތައް ހޯދުމަށް ޓަކައި އެމީހުންނާދެކޮޅަށް އެމެރިކާ އިން ކުރިން ހިންގި ލާއިންސާނީ އަމަލުތައް އަލުންފަށަން ޓްރަމްޕްގެ ސަރުކާރުން ގަސްދުކުރާކަން މިދިޔަ މަހުގެ ފަހުކޮޅު ޓްރަމްޕް ރިޔާސީ ޓީމުގެ މަސްއޫލުވެރިއަކު ހާމަކުރައްވާފައިވަނިކޮށެވެ. މިމައްސަލާގައި އެމެރިކާގެ އެތެރެއިންނާއި ބޭރުން ޓްރަމްޕަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތި ވެގެން ގޮސްފަ އެވެ. ޓްރަމްޕްގެ މިހަރުކަށި ވިސްނުން ދޫކޮށްލެއްވީ ސީއައިއޭގެ ވެރިޔާ މައިކް ޕޮންޕިޔޯ އާއި އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މާޓިސް އާވެސް މަޝްވަރާ ނުކުރައްވައި ކަމަށް ނިޔުޔޯކް ޓައިމްސް ބުނެ އެވެ.
ޓެރަރިޒަމްގެ ބަހަނާގައި އަފްޣާނިސްތާނު ފަދަ ގައުމުތަކުން އެމެރިކާ ސިފައިން ހައްޔަރުކުރި މީހުނާ ދެކޮޅަށް ބުޝްގެ ވެރިކަމުގައި ސީއައިއޭ އިން ހިންގި ލާއިންސާނީ އަނިޔާވެރި އަމަލުތަކުގެ ތެރޭގައި އެމީހުން ފެނުގެ އަޑީގައި ގަންބައި ހިފަހައްޓައިގެން ހާސްކުރުމާއި ނާޒުކު ގުނަވަންތަކަށް ކަރަންޓް ޝޮކް ދިނުމާއި އެކޮޅު ކޮޅުން އެލުވުމާއި ހަށިގަނޑުގައި ވޭންއަޅާގޮތަށް ތަންތަނުގައި ގިނައިރު އިނުމަށް މަޖްބޫރުކުރުން ފަދަ ބޮޑެތި އަނިޔާތައް ހިމެނެ އެވެ.
ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ޓެރަރިޒަމްގެ ތުހުމަތުގައި އަފްޣާނިސްތާނާއި ޔަމަން ފަދަ ގައުމުތަކުން އެމެރިކާ ހައްޔަރުކުރި މުސްލިމުންނަށް ސީއައިއޭ އިން މިފަދަ އަނިޔާތައް ދީފައި ވަނީ ކިޔުބާގެ ގުއަންޓެނާމޯ ބޭގައި އެމެރިކާ ހިންގި އަނިޔާވެރިކަމަށް މަޝްހޫރު ޖަލުގައާއި އަފްޣާނިސްތާނުގައި އެމެރިކާ ހިންގި ބައެއް ޖަލުތަކުގައާއި ޔޫރަޕްގެ އެކި ގައުމުތަކުގެ ސަރުކާރު ތަކުގެ އެއްބާރުލުން ލިބިގެން އެގައުމުތަކުގައި އެމެރިކާ ހިންގި ސިއްރު ޖަލުތަކުގަ އެވެ.
ޔޫރަޕްގައި އެމެރިކާ ހިންގި ސިއްރު ޖަލުތަކުގެ ތެރެއިން އެއްޖަލު ހިންގާފައި ވަނީ ޕޮލެންޑްގެ އޭރުގެ ސަރުކާރުގެ ހުއްދަލިބިގެން ޕޮލެންޑްގެ އެކަހެރި ހިސާބެއްގަ އެވެ. އެހެން ސިއްރު ޖަލުތައް އެމެރިކާ އިން އެދުވަސްވަރު ހިންގި ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ރުމޭނިޔާއާއި ޗެކްރިޕަބްލިކް އާއި ބޯލްޓިކްގެ ބައެއް ގައުމުތައް ހިމެނެ އެވެ. ތައިލެންޑްގެ ސަރުކާރަށް ވެސް އެމެރިކާ ފައިސާތަކެއް ދީގެން މިފަދަ ސިއްރު ޖަލެއް އެގައުމުގެ އެކަހެރި ހިސާބެއްގައި ހިންގި ކަމުގެ ޚަބަރު އެދުވަސްވަރު ފެތުރިފައިވެ އެވެ.
ޓެރަރިޒަމްގެ ބަހަނާގައި އެމެރިކާ ހައްޔަރުކުރާ މީހުންގެ ކިބައިން ގަދަބާރުން އިޢްތިރާފްތައް ހޯދުމަށް ޓަކައި ސިއްރުޖަލުތައް އަޅުން އުފެއްދުމުގެ ވިސްނުން ގެންގުޅޭކަން ޓްރަމްޕްގެ ސަރުކާރުން ހާމަކުރުމާ ގުޅިގެން ޕޮލެންޑްގެ ބޮޑުވަޒީރާ ބިއެޓާ ޝިޑްލޫ ވަނީ އެމެރިކާއިން އަސީރުންނާ ދެކޮޅަށް ކުރިން ހިންގި ފަދަ ލާއިންސާނީ އަނިޔާތައް ޕޮލެންޑްގެ ބިމުގައި ހިންގުމުގެ ފުރްސަތު ދެން ނުދޭނެކަމެއް ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފަ އެވެ.
އެމެރިކާ އިން މިފަދަ ކަމަކަށް އެދުނު ނަމަވެސް މިފަދަ ކަމެއްގައި އެހީތެރި ނުވާނެ ކަމަށާއި ޕޮލެންޑްގެ ސަރުކާރުން އެކަމާ ކަނޑައެޅި ދެކޮޅު ހަދާނެ ކަމަށް ވެސް އެގައުމުގެ ބޮޑުވަޒީރާ ބިއެޓާ ޝިޑްލޫ ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ މިފަދަ އަނިޔާވެރި އަމަލުތަކަށް އެހީތެރިވިކަމަށް އިއްތިރާފްވުމަށް އެ ގައުމުތަކުގެ ސަރުކާރުން އެދުވަސްވަރު ވަނީ ފަސްޖެހިފަ އެވެ. ނަމަވެސް އޮބާމާގެ ވެރިކަމުގައި މީގެ ދެއަހަރު ކުރިން އޭރުގެ ޕޮލެންޑްގެ ރައީސް އެލެގްޒެންޑާ ކުވާސްނިޔޮސްކީ ވަނީ ބުޝްގެ ވެރިކަމުގައި އެމެރިކާ ޔޫރަޕްގައި ހިންގި ސިއްރު ޖަލުތަކުގެ ތެރެއިން އެއްޖަލު އޭނާގެ ގައުމުގައި ހިންގި ކަމަށް އިޢްތިރާފްވެ ވަޑައިގެން އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ބުޝްގެ ވެރިކަމުގައި ސީއައިއޭން ހިންގި މިލާއިންސާނީ އަނިޔާތަކުގެ ޝިކާރައަކަށްވި މުސްލިމް ބައެއް ގައިދީން އެކަމުގެ ސަބަބުން ޖިސްމާނީ ގޮތުން ނުކުޅެދޭ މީހުންނަށް ބަދަލުވެފައި ވުމުގެ އިތުރުން އެފަދަ ބައެއް މީހުންނަށް ފަހުން ބޮޑެތި ބަލިތައް ޖެހިފައިވެ އެވެ.
އޮބާމާގެ ވެރިކަމުގައި މިއަނިޔާތައް ހުއްޓުވައި ޔޫރަޕްގައި އެމެރިކާ ހިންގި ސިއްރު ޖަލުތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ގުއަންޓެނާމޯ ޖަލު ބަންދުކުރާނެ ކަމަށް ވިދާޅުވެ އޮބާމާ ކުރެއްވި ވައުދު ފުއްދުމުގައި އޭނާގެ ދެވަނަ ދައުރުގައި ވެސް ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ.
ގުއަންޓެނާމޯ ޖަލުގައާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި އެމެރިކާ ހިންގި ސިއްރު ޖަލުތަކުގައި މުސްލިމް އަސީރުންނާ ދެކޮޅަށް ބުޝްގެ ވެރިކަމުގައި ހިންގި އަނިޔާވެރި ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެމެރިކާ ގެ އަގު ދުނިޔޭގެ ކުރިމަތީގައި ވަނީ ވަރަށް ބޮޑަށް ވެއްޓިގެންގޮސްފަ އެވެ. އެމެރިކާގެ މިޖަރީމާތައް ކުށްވެރިކޮށް އެކަމުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިންގެ މައްޗަށް ޝަރީއަތް ހިންގުމަށް ގޮވާލައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެދުވަސްވަރު ޔޫރަޕްގެ ބައެއް ގައުމުތަކުގައި މުޒާހަރާތައް ކޮށްފައިވެ އެވެ. އަދި އެމެރިކާގެ މި އަމަލުތައް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުށްވެރިވެސްކޮށްފައިވެ އެވެ. (ރޮއިޓާސް)